އައްޑޫ ސިޓީ ކައުންސިލް އިންތިހާބު އަލުން ބޭއްވުމަށްޓަކައި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ޑީއާރުޕީން ނިންމައިފި އެވެ.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ޑީއާރުޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައި ވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހާ ބެހޭ ގޮތުން ޑީއާރުޕީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފު މިއަދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނައުމުން އެ ގާނޫނުން ކަނޑައެޅިގެން އައްޑުއަށް ސީޓި ކައުންސިލްގެ ދަރަޖަ ދެވޭނެ ކަމަށެވެ. ގަނޫނުން އައްޑު އަށް ސިޓީ ކައުންސިލްގެ ދަރަޖަ ދިނުމުން ލޯކަލް ގަވާމަންޓް އޮތޯރިޓީން ސިޓީ ކައުންސިލްގެ ޝަރުތުތައް ކަނޑައަޅަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް އައްޑު އަށް ސިޓީގެ ދަރަޖަ ކަނޑައަޅާފައި ވަނީ ލޯކަލް ގަވާމަންޓް އޮތޯރިޓީގައި އެންމެ ބޭފުޅަކު ހުންނަވައިގެން. މި އިސްލާހުގެ ސަބަބުން ލޯކަލް ގަވާމަންޓް އޮތޯރިޓީން ޝަރުތުތައް ކަނޑައެޅުމުގެ ބަދަލުގައި ގާނޫނުން ކަނޑައެޅިގެން އައްޑު އަށް ސިޓީ ކައުންސިލްގެ ދަރަޖަ ދެވޭނެ."

ހަސަން ލަތީފު މިއަދު ވިދާޅުވީ އެ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އަދި އެ އިސްލާހުގެ ސަބަބުން އައްޑޫ ސިޓީ ކައުންސިލް އިންތިހާބު އަލުން ބާއްވަން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ މެންބަރުންގެ އެއްބާރުލުމާ އެކު އިސްލާހު ފާސްވާނެ ކަމަށް މިބަލަނީ. އިސްލާހުގެ ސަބަބުން އަލުން އިންތިހާބު ބާއްވަންވާނެ ކަމަށް އަޅުގަނޑުމެން ގަބޫލު މި ކުރަނީ."

އައްޑޫ ސިޓީ ކައުންސިލް އިންތިހާބު ބާއްވާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އަމިއްލަ ފަރާތަކުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ބެހޭ ގޮތުން ހަސަން ލަތީފު ވިދާޅުވީ އައްޑު ސިޓީ ކައުންސިލް އިންތިހާބު ބާއްވާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އެ މައްސަލާގެ ތެރެއަށް ޑީއާރުޕީން ވަންނަން ބޭނުން ނުވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ސިޓީގެ ދަރަޖަ އައްޑުއަށް ދިނުމާ ގުޅިގެން، އައްޑޫ ސިޓީ އުފައްދާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، ގައުމީ ޕާޓީ އާއި އަމިއްލަ ފަރާތަކުން ކޯޓް މަރުހަލާގައި ވަކާލާތުކޮށްފައިވެ އެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމުގެ ހަތަރު ދުވަހަށް ވެފައިވަނިކޮށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ އައްޑޫ ސިޓީ ދަރަޖަ ދީފައި ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގައި އެންމެ ބޭފުޅަކު ހުންނަވައިގެން ކަމަށް ވުމާ އެކު، ސިޓީގެ ދަރަޖަ ދީފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމާ އެކު އައްޑު ސިޓީ ކައުންސިލް އިންތިހާބު ވަނީ ކެންސަލްކޮށްފަ އެވެ. ނަމަވެސް އިންތިހާބަށް އެންމެ ދުވަހަކަށް ވެފައިވަނިކޮށް ސްޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ އައްޑޫގައި ސިޓީ ކައުންސިލް އިންތިހާބު ބޭއްވޭނެ ކަމަށެވެ.