ފަލަސްތީނުގެ ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް މިސްރުގެ ކޯޓަކުން ކުރިން ކޮށްފައިވާ ހުކުމެއް އެގައުމުގެ އެހެން ކޯޓަކުން މިއަދު ބާތިލުކޮށްފި އެވެ.

މިސްރުގެ ކޯޓުގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީ ބުނީ ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ނިންމާފައިވާ ނިންމުން ބާތިލުކުރީ އެގޮތަށް ނިންމި ކޯޓަކީ އެކަމުގެ އިޚުތިޞާސް ނެތް ކޯޓަކަށް ވާތީ ކަމަށެވެ.

މިސްރު ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ސިނާއީ ސަރަހައްދުގައި ހަމަލާތައް ދެމުން އަންނަ ޖަމާއަތްތަކަށް ހަމާސް އިން ދަނީ މަދަދު ކުރަމުން ނެވެ.

ހަމާސްއަކީ މިސްރުގެ މުސްލިމް ބްރަދަހުޑް ޕާޓީއަށް ތަބައަވާ ޖަމާއަތެކެވެ. ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައި، އެކަމުގައި ކޯޓް އަމުރެއް ހޯދީ މުސްލިމް ބްރަދަހުޑްގެ ޕާޓީގެ ވެރިކަން އެގައުމުގެ ސިފައިން ވައްޓައިލުމަށް ފަހު އުފެއްދި އަސްކަރީ ސަރުކާރުންނެވެ.