06 Jun 2015, 14:30
މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން އެތެރެކުރި ބިހާއި އަލުއްވާއި ފިޔާ މާދަން ވިއްކަން ފަށަން ނިންމައިފިއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު "ސަން"އަށް ވިދާޅުވީ، މިފަހަރު ރޯދަ މަހަށް ހާއްސަކޮށްގެން ފިޔާ، ބިސް، އަލުވި މިއަދު ރާއްޖެ ގެނެސްފައިވާއިރު މާދަމާ ވިއްކަން ފެށޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެސްޓީއޯއިން އެތަކެތި ވިއްކާނީ އާސަހަރާ ފުރަގަހުން ބޮޑު ތަކުރުފާނު މަގަށް ވާ ގޮތަށް ހުންނަ އެސްޓީއޯ ހަ ނަމްބަރު ކޮށިން ކަމަށެވެ.
"މާދަން ވިއްކެއް ފެށޭނެ، މެއިން ތަނަކަށް ވިއްކާނީ އެސްޓީއޯ ހަ ނަމްބަރު ކޮށިން." ޝަހީރު ވިދާޅުވިއެވެ.
މާދަމާ އަތޮޅު ތެރޭ އެސްޓީއޯ ފިހާރަތަކަށް އެބާވަތްތައް ފޮނުވި ހޯމަ ދުވަހު ވިއްކަން ފެށޭ ވަރުވާނެ ކަމަށް ވެސް ޝަހީރު ވިދާޅުވިއެވެ.
މިއަހަރު އެތަކެތި ވިއްކާނެ އަގުތައް އަދި ފައިލް ނުކުރާ ކަމަށް ޝަހީރު ވިދާޅުވިއެވެ.
މިދިޔަ އަހަރު ރޯދަމަހު ހޯލްސޭލްކޮށް ފިޔާ އަލުވި އެސްޓީއޯއިން ވިއްކާފައިވަނީ ބަސްތާއެއް 225 ރުފިޔާގެ ރޭޓުންނެވެ. އަދި ބިސް ކޭހެއް ވިއްކީ 250 ރުފިޔާ އަށެވެ. ފިޔާ، އަލުވި ކިލޯއެއް މިދިޔަ އަހަރު 10 ރުފިޔާ ވިއްކިއިރު ބިހެއް ވިއްކީ 1.25 ރުފިޔާއަށެވެ.
މިފަހަރު ވެސް ސުޓޮކް ހުސްވިޔަ ނުދީ ތަކެތި ފޯރުކޮށްދިނުމަށް ބޮޑު ސަމާލު ކަމެއް ދޭނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.
ފިޔާ އާއި ބިހާއި އަލުވީގެ އިތުރުން ބޭނުންވާ އެހެނިހެން ކާބޯތަކެތި ވެސް އެސްޓީއޯ ސުޕަ މާކެޓުން ވެސް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހު ގިނަ ބާޒާރުގައި ބައެއް ބާވަތްތަކުގެ އަގު ބޮޑުވެ އެވެ. އެއާއެކު ތަކެތީގެ އަގު އެއްވަރެއްގައި ހިފަހައްޓަން އެސްޓީއޯއިން އާންމު ކާބޯތަކެތީގެ ބައެއް ބާވަތްތައް ރާއްޖެ ގެނެސް އަގު ވަކި ވަރެއްގައި ހިފަހަޓަން މަސައްކަތް ކުރެ އެވެ.