06 Jun 2015, 14:06
ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އާންމު އަދި ހާއްސަކޮށް އަންހެނުންނަށް ޖެހޭ ކެންސަރުގެ ވައްތަރެއް ކަމަށް ވާ އުރަމަތީގެ ކެންސަރުގައި މަރުވާ މީހުންގެ މެމޮގްރަފީ ސްކްރީން ހެދުމުން 40 ޕަސެންޓް ދަށަށްދާ ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.
އެމެރިކާގައި ހެދި ބައިނަލްއަގުވާމީ އެ ދިރާސާ އިން ދައްކާ ގޮތުން އުމުރުން 50 ހާއި 69 އަކާއި ދެމެދުގެ އަންހެނުންގެ ތެރެއިން އުރަމަތީގެ ކެންސަރަށް ސްކްރީންކޮށްފައި ތިބި މީހުން މަރުވާ އަދަދު ސްކްރީން ނުކޮށް މަރުވާ އަންހެނުންގެ ނިސްބަތަށް ބަލާ އިރު 40 ޕަސެންޓް ވަނީ ދަށަށް ޖެހިލާފަ އެވެ.
އެހެންކަމުން އެ ދިރާސާގެ އަލީގައި ހުރިހާ އަންހެނުން އުރަމަތީގެ ކެންސަރަށް ސްކްރީން ކުރެއްވުމަށް ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ދިރާސާ އާންމުކުރެއްވުމަށް ފަހު ވަނީ ގޮވާލައްވައިފަ އެވެ.
"މި މުހިންމު ދިރާސާގެ ސަބަބުން ދުނިޔޭގެ ހުރިހާ އަންހެނުންނަށް ވެސް އުރަމަތީގެ ކެންސަރަށް ސްކްރީނު ކުރުމަށް ހިތްވަރު ލިބިގެން ދާނެކަމަށް ގަބޫލުކުރެވޭ،" ދިރާސާގެ ލިޔުންތެރިއެއް ކަމަށްވާ ސްޓެފް ޑަފީ ބުނެފައިވެ އެވެ.
ސްޓެފް އިތުރަށް ބުނެފައި ވަނީ އެ ދިރާސާއަށް ބަލާ އިރު، ސްކްރީނު ހެދުމުން ކެންސަރު ޖެހފައިވާ ނަމަ އަވަހަށް ފަރުވާ ހޯދުމަށް މަސައްކަތް ފެށޭ ކަމަށާއި އުރަމަތީގެ ކެންސަރުގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދުވަނީ އެހެންވެ ކަމަށެވެ.
އެ ދިރާސާ ހަދާފައި ވަނީ ދުނިޔޭގެ 16 ގައުމެއްގައި އުރަމަތީގެ ކެންސަރަށް ފަރުވާދޭ ކްލިނިކްތަކުގެ ޓްރިއަލްތަކަށް ވެސް ބަލައިގެންނެވެ.
އުރަމަތީގެ ކެންސަރަކީ "ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން ފަރުވާ ހޯދާ ކެންސަރުގެ ބާވަތް" ކަމަށް އެ ދިރާސާގައި ވެސް ވަނީ ބުނެފަ އެވެ. އުރަމަތީގެ ކެންސަރުގެ ސަބަބުން އަހަރެއްގެ މައްޗަށް 521,000 މީހުން މަރުވާ ކަމަށް 2012 ވަނަ އަހރު ޑަބްލިއުއެޗްއޯ އިން ހެދި ދިރާސާއެއްގައި ވެސް ވަނީ ބުނެފަ އެވެ.