ކެންޕެއިންކުރުން މަނާކޮށްފައިވާ ވަގުތެއްގައި މ. މުލީގައި ކެންޕެއިން ސިޓީތަކެއް ބެހި މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން ބަލަން ފަށައިފިއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކުރަމް ވިދާޅުވީ ވަަކި ފަރާތަކަށް ކެންޕެއިން ކުރުމުގެ ގޮތުންނާއި އަދި އެންޓި ކެންޕެއިން ކުރުމުގެ ގޮތުން ރޭގެވަގުތެއްގައި މުލީގައި ސިޓީތަކެއް ބަހާފައިވާ މައްސަލައެއް އެ ކޮމިޝަންގެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅިފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ކެންޑިޑޭޓަކާ ގުޅޭ މައްސަލައެއް ކަމެއް އަކުރަމް ވިދާޅެއް ނުވެއެވެ.

"މުލީގައި ރޭގެ ވަަގުތެއްގައި ސިޓީތަކެއް ބެހި ކަމުގެ މައުލޫމާތު ވަނީ ލިބިފައި. ޝަކުވާގައި ވަނީ އެ ސިޓީތަކަކީ ވަކި ފަރާތަކަށް ކެންޕެއިން ކުރުމުގެ ގޮތުންނާއި އަދި އެންޓި ކެންޕެއިން ކުރުމުގެ ގޮތުން ބަހާފައިވާ ސިޓީތަކެއް ކަމަށް. އަޅުގަނޑުމެން މިދަނީ އެ މައްސަލަ ބަލަމުން،" އަކުރަމް ވިދާޅުވި އެވެ.

ކެންޕެއިން މަނާކޮށްފައިވާ ވަގުތު ކެންޕެއިން ކުރި މައްސަލައެއް ހުށަހެޅިފައިވީނަމަވެސް ވޯޓުލުމާ ގުޅޭ އެއްވެސް ޝަކުވާއެއް ހުށަހެޅިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޯޓުލުމާ ގުޅޭ އެއްވެސް ޝަކުވާއެއް ލިބިފައެއް ނެތް. ވޯޓުލުން ކުރިއަށްދަނީ ވަރަށް އޮމާންކޮށް، ކޮމިޝަނުންް އެންމެ ބޭނުންވާ ގޮތަށް،" އަކުރަމް ވިދާޅުވި އެވެ.

ވޯޓުލުމުގެ ކަންތައް ކޮމިޝަނުން އެންމެ ބޭނުންވާގޮތަށް ކުރިއަށްދާކަން ފާހަގަކުރައްވައި އަކުރަމް ވިދާޅުވީ އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ފަަރާތުންް ވަރަށް ބޮޑު އެއްބާރުލުންް އެ ކޮމިޝަނަށް ލިބެމުން އަންނަ ކަމަށެވެ.