ޗައިނާއިން އެގައުމު ސަރަހައްދެއް ކަމަށް ދެކޭ ދެކުނު ޗައިނާ ކަނޑުގެ ބައެއް ފަރުތައް ހިއްކަން ފެށުމުން އެ މަސައްލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެކަމާ އެންމެ ބޮޑަށް ކަންބޮޑުވަނީ ޗައިނާގެ އަވަށްޓެރިންގެ ގޮތުގައި ތިބި އެމެރިކާގެ ބައިވެރިންނެވެ. އޭގެ އިތުރުން އެ ސަރަހައްދަކީ ކަނޑުމަގުން މުދާ އުފުލުމުގައި ވަރަށް މުހިއްމު މަގެއް ހިމެނޭ ސަރަހައްދެކެވެ. އެމެރިކާ އިން އެ މައްސަލައިގެ ތެރެއަށް ވަންނަނީ އެ ބަހަނާގަ އެވެ.

ވޮއިސް އޮފް އެމެރިކާ ބުނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ޗައިނާ އިން ހިންގި އަސްކަރީ ހަރަކާތްތަކާ ގުޅިގެން އެމެރިކާ އިން ލަހެއް ނުވެ ފިޔަވަޅު އަޅާނެ ކަމަށް އެގައުމުގެ މާހިރުން ދެކޭ ކަމަށެވެ. ޗައިނާގެ މަޝްރަހު ދިރާސާކޮށް ދާދި ފަހުން ފޮތެއް ޝާއިއުކޮށްފައިވާ ގޯޑަން ޗޭން ވޮއިސް އޮފް އެމެރިކާ އަށް ބުނެފައި ވަނީ ދެންމެ އެންމެ އަވަހަށް ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެގެންދާނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދު ކަމަށެވެ.

އެމެރިކާ އެއާފޯސް އެސޯސިއޭޝަންގައި ކުރި މަޝްވަރާތަކެއްގައި ޗޭން ބުނެފައި ވަނީ ޗައިނާ އިން ހިންގަމުންދާ ކަންތައްތަކާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅަން ދެން ލަހެއް ނުވާނެ ކަމަށެވެ.

"...ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ޗައިނާ އިން ދައްކަމުންދާ އަމިއްލަވަންތަކަން އެމެރިކާގެ ކަނޑުގެ ސިފައިން އިމްތިހާނު ކުރާނެ. އަހަރެމެން އެކަން އެގޮތަށް ކުރަން ޖެހޭ. ކަނޑު ދަތުރު ކުރުމުގެ މިނިވަންކަން ދިފާއުކުރުމަކީ އެމެރިކާ އިން އަބަދުވެސް ގެންގުޅެމުން އައި ޚާރިޖީ ސިޔާސަތެއް،" އެއާފޯސް އެސޯސިއޭޝަންގެ މަޝްވަރާ ބައްދަލުވުމުގައި ޗޭން ބުނެފައިވެ އެވެ.

ޗައިނާއިން ދެކޭ ގޮތުގައި ދެކުނު ޗައިނާ ކަނޑުގެ އެ ސަރަހައްދަކީ އެގައުމުގެ އަމިއްލަ ތަނެކެވެ. އެހެންވީމާ އެއީ ވާހަކަ ދައްކަން ޖެހޭ މައްސަލައެއް ކަމަކަށް އެގައުމަކުން ނުދެކެ އެވެ. ޗޭން ދެކޭ ގޮތުގައި އެހެންވީމާ އެމެރިކާއާ އިން އަޅާ ފިޔަވަޅަކާ ކުރިމަތިލުމަކަށް ޗައިނާ އިން ފަހެއް ނުޖެހޭނެ އެވެ.

ބައިނަލްއަގުވާމީ ސްޓެރެޓެޖީ ދިރާސާ ކުރާ އެމެރިކާގެ މަރުކަޒުގައި އިސްކޮށް މަސައްކަތް ކުރަމުން އަންނަ ރިކް ފިޝާ ދެކޭ ގޮތުގައި ޗައިނާ އާއި އުތުރުކޮރެއާ އިން ނިއުކްލިއަ ހަތިޔާރު އުފައްދާ މައްސަލަ އަކީ ވެސް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. އޭނާ ދެކޭ ގޮތުގައި ދެކުނު ޗައިނާ ކަނޑުގެ މައްސަލައަށް ދުނިޔޭގެ ސަމާލުކަން ލިބުމުން ދަނޑިވަޅުގެ ބޭނުންކޮށްގެން އުތުރުކޮރެއާ އިން ނިއުކްލިއަ ހަތިޔާރު އުފައްދާނެ އެވެ.

"... ނިއުކްލިއަ ހަތިޔާރެއްގެ ބޭނުން ކުރެވޭނެކަން އުތުރުކޮރެއާއަށް ކަށަވަރުކުރެވޭހާ އަވަހަކަށް އެ ގައުމު ވެގެންދާނީ ގޮތް ކަނޑައަޅާ ބަޔަކަށް. ދެކުނު ޗައިނާ ކަނޑުގައި ހަމަނުޖެހުމެއް ހިންގައި، ދެކުނު ކޮރެއާ، ނުވަތަ ސީދާ އެމެރިކާ އަށް ކަންތައްތަކެއް ކުރިމަތިކުރަން އުތުރުކޮއާ އަމިއްލައަށް އޭރުން ނިންމޭނެ. ހަމަނުޖެހުމެއް ފެށިއްޖެއްޔާ އުތުރުކޮރެއާ ވާނީ ވަރަށް ބޮޑު ނުރައްކަލަކަށް،" ފިޝާ ބުނެފައިވެ އެވެ.

ފިޝާ ދެކޭ ގޮތުގައި އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި ޗައިނާ ސަރުކާރާ ދެމެދު ޚިޔާލުތަފާތުވުމެއް އޮތަސް ދެގައުމުގެ ވެސް ސިޔާސަތަކީ ކޮމިއުނިސްޓް ސިޔާސަތަކަށް ވުމުން އަމަލުތައް އެއްގޮތް ވާނެ އެވެ.

އެމެރިކާގެ މަޝްހޫރު އިންވެސްޓަރެއް ކަމަށްވާ ޖޯޖް ސޯރޯސް ދެކޭ ގޮތުގައި ޗައިނާގެ އިގުތިސާދަށް މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެ ގައުމުން ބޮޑު ހަނގުރާމައެއް ފަށައިފާނެ އެވެ. ވޯލްޑް ބޭންކުން ދާދިފަހުން ބޭއްވި ފޯރަމެއްގައި އޭނާ ބުނެފައި ވަނީ އެފަދަ ހަނގުރާމައެއް ޗައިނާ އިން ފަށާނެ ކަމަށް ބެލެވެނީ އިގުތިސާދީ މައްސަލައިން ސަލާމަތް ވުމަށާއި އެގައުމުގެ ބާރު ގަދަ ކުރުމަށް ކަމަށެވެ. އޭނާ ދެކޭ ގޮތުގައި އެމެރިކާއާއި ޗައިނާއާ ދެމެދު ސީދާ ގޮތެއްގައި އަސްކަރީ ކުރިމަތިލުމެއް ނުހިނގިޔަސް، އެމެރިކާގެ ބައިވެރިއެއް ކަމަށްވާ ޖަޕާނާއި ޗައިނާ އާ ދެމެދު ކުރިމަތިލުމެއް ހިނގައިފާނެ އެވެ.

"... ނަތީޖާއަކަށް ވާނީ ދުނިޔޭގެ ތިން ވަނަ ބޮޑު ހަނގުރާމަ،" ސޯރޯސް ބުނި ކަމަށް ވޮއިސް އޮފް އެމެރިކާގެ ލިއުމުގައިވެ އެވެ.