06 Jun 2015, 12:42
މާލެއިން މ. ދިއްގަރަށް ފުރަން އުޅެނިކޮށް، އޭގައި މަސްތުވާތަކެތި ހުރި ކަމުގެ ތުހުމަތުގައި ފުލުހުން ހިފެހެއްޓި ބޯޓް ކުއްތާ ބޭނުންކޮށް ޗެކްކުރުމަށް ފަހު ބޯޓް ދޫކޮށްލައިފި އެވެ.
"ރޯޔަލް10" ނަކަމަށް ކިޔާ އެ ބޯޓް ހިފަހައްޓާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެބޯޓް ހިފަހައްޓައި ކުއްތާ ބޭނުންކޮށްގެން ޗެކް ކޮށްފައި ވަނީ އެބޯޓްގައި މަސްތުވާތަކެތި ހުރި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. ޗެކް ކުރުމަށް ފަހު ބޯޓް މިހާރު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޯޓް މިހާރު ވާނީ ދޫކޮށްލާފައި، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އަޅުގަނޑުމެން އެއްވެސް މީހަކު ނުހިފަހައްޓަން." އޮފިޝަލް ވިދާޅުވި އެވެ.
އެބޯޓުން މަސްތުވާތަކެތި ފެނުނުތޯ ކުރި ސުވާލަށް ފުލުހުންގެ މީޑިއާ އޮފިޝަލް ޖަވާބެއް ނުދެއްވަ އެވެ.
ދިއްގަރު ދާއިރާގެ އެމްޑީޕީ ކެންޑިޑެޓް އަހްމަދު ރާޒީ މިއަދު ސަން އަށް ވިދާޅުވީ އެ ބޯޓަކީ މާލޭގައި ތިބި ވޯޓުލާ މީހުން ދިއްގަރު ދާއިރާ އަށް ގެންދިޔުމަށް އޭނާ ކުއްޔަށް ހިފާފައިވާ ބޯޓެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބޯޓުގައި ދިއްގަރު ދާއިރާ އަށް ދާން ބޭނުންވާ 30 ނުވަތަ 40 ވަރަކަށް މީހުން ތިބޭނެ ކަމަށެވެ.