ދައުލަތުގެ އިސްވެރިންގެ ބަރަހަނާ މަންޒަރުތަކެއް ދައްކުވައިދޭ ވީޑިއޯތަކެއް ހުރި ކަމަށް ބުނާ މައްސަލައިގާ
"ޕާލިމަންޓްރީ އެންކުއަރީ"އެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ގައުމީ ޕާޓީން މިއަދު ބުނެފި އެވެ.

އެ ޕާޓީގެ ނައިބު ރައީސް އަބްދުލްމަތީން މުހަންމަދު މިއަދު ވިދާޅުވީ ސަރުކާރުގެ އިސް ވެރިންގެ ގޮތުގައި ތިއްބަވާ ބަޔަކާ މެދު ބަރަހަނާ ވީޑިއޯތަކެއްގެ ތުހުމަތު ކުރެވޭ އިރު އެކަންތައްތަކުގެ ތަހުގީގު ފުލުހުން ކުރަން ޖެހޭނީ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުން ފިލާ ގޮތަކަށް ކަމަށާއި ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެކަންތައްތަކުގައި ފަސްއަޅައި ފޮރުވުމަށް ކަމަށެވެ.

މަތީން ވިދާޅުވީ އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރުމަށް އެ ޕާޓީން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން މަޖިލިސް އަލުން ހުޅުވޭއިރު ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި އެ މައްސަލަ މަޖިލީހަށް ވައްދައި މަޖިލީހުގެ އެންކުއަރީއަކަށް ދާން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ސަރުކާރުން މި މައްސަލަ އޮއްބައިލަން މަސައްކަތް ކުރަމުން ދާތަން. އެއީ މިކަމާ ގުޅޭ ގޮތުން އަޅަން ނިންމާފައިވާ އެއްފިޔަވަޅަކީ ސަރުކާރުން މިކަމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާތީ ޕާލިމެންޓްރީ އެންކުއަރީ އަކަށް ދިޔުމަށް ޕާޓީގެ ފަރާތުން މިހާރު މިވަނީ ނިންމާފައި. އަޅުގަނޑުމެން އެކަމަށް މަސައްކަތް ކުރާނަމޭ. އެކަމާ ގުޅޭ ގޮތުން އެކި އެކި ފަރާތްތަކާ ސުވާލުކޮށް އެކަމުގެ ތަހުގީގު ރައްޔިތުން މަޖިލިސް މެދުވެރިކޮށް މިކަންކަން ކޮށްދިނުމަށް މަސައްކަތްތަކެއް ކުރާނަމޭ،" މަތީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އިސް ވެރިންތަކެއް އެފަދަ ހަޑިމުޑުދާރު އަމަލެއްގައި ސާމިލްވެފައިވާ ކަން ވެސް ނުވަތަ ނޫން ކަން ވެސް ފުލުހުން ރައްޔިތުންނަށް ބުނެދޭން ޖެހޭނެ ކަމަށެވެ.

މީގެ ކުރިން ވެސް ގައުމީ ޕާޓީން ވަނީ ބަރަހަނާ ވީޑިއޯތަކުގެ މައްސަލައިގާ ސަރުކާރުގެ އިސްވެރިންތަކެއް ހިމެނޭ ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް އެކަމުގައި ޝާމިލްވާ ފަރާތްތަކެއްވާ ނަމަ އެފަރާތްތައް މަގާމުން ވަކިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދަށް ދަންނަވާފަ އެވެ.