06 Jun 2015, 11:41
ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އާއިލީ މަސްލަހަތު އޮންނަ ސަލްޓަންސް އޮފް ދަ ސީސް އިން ބޭންކް އޮފް މޯލްޑިވްސްއަށް 654 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ދަށު ކޯޓުން ކުރި ހުކުމުގައި ބުނެފައިވާ ޖޫރިމަނާ ފައިސާ ނެގީ ރަނގަޅަށް ނޫން ކަމަށް ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި އެވެ.
ސަލްޓަންސްގެ މައްޗަށް، ބީއެމްއެލް އަށް 654 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން 2009 ގައި ދަށު ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި ހައި ކޯޓުން 2013 ގައި ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ.
ހައިކޯޓުން އެ ހުކުމް ބާތިލުކޮށްފައި ވަނީ ސަލްޓަންސްއިން ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ ބީއެމްއެލްއިން ގުނަން ފަށާފައިވަނީ އެއްބަސްވެފައިވާ ތާރީހަށްވުރެ ކުރިން ކަމަށް ވާތީ އެވެ. ނަމަވެސް ސަލްޓަންސް އިން ނެގި ލޯނުތަކަށް ދައްކަންޖެހޭ ފައިސާތަކުގެ ތެރޭގައި ހިމެނޭ 15300000 ޑޮލަރާއި 12500000 ޕައުންޑާއި 8700000 ރުފިޔާ އަދި 500000 ޑޮލަރު ދައްކާ ހަލާސް ކުރަން ޖެހޭނެ ކަމަށް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ.
ބީއެމްއެލް އިން ހައިކޯޓުންގެ ނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ސްޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށް ހުކުމް ކޮށްފަ އެވެ. ސްޕްރީމް ކޯޓުގެ ނިންމުމުގައިވެސް ބުނެފައި ވަނީ އެއްބަސްވެފައިވާ ތާރީހަށްވުރެ ކުރިން ޖޫރިމަނާ ފައިސާ ނުނެގޭނެ ކަމަށެވެ.
އެގޮތަށް ނިންމާފައިވަނީ އެމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ބީއެމްއެލްއަށް ދައްކަން ޖެހޭ ލޯނުގެ ފައިސާގެ އިތުރުންވެސް އިންވޮއިސް އޮޅުވާލައިގެން ލޯންޗްތަކެއް އެތެރެކުރި މައްސަލައިގައި ސަރުކާރަށް 110 މިލިޔަން ރ. ދެއްކުމަށް ވެސް މަދަނީ ކޯޓުން ސަލްޓަންސްގެ މައްޗަށް ހުކުމް ކޮށްފައިވެ އެވެ. ނަމަވެސް އެހުކުމްވެސް ވަނީ ހައިކޯޓުން ބާތިލުކޮށްފަ އެވެ.