އަންނަ ހޯމަ ދުވަހު ފަށުމަށް ހަމަޖެހިފައިވާ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 7،066 ދަރިވަރެއް މިއަހަރު ބައިވެރިވެފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފިއެވެ.

ސަރުކާރުގެ ސްކޫލުތަކާއި ޕްރައިވެޓް ސެންޓަރުތަކުން ގިނަ ދަރިވަރުންތަކެއް އޯލެވެލް އިމްތިހާނުގައި ބައިވެރި ވެފައިވާއިރު، މިފަހަރުގެ އިމްތިހާނުގައި ޖުމްލަ 192 ސްކޫލަކުން 5،365 ދަރިވަރުން ވަނީ ބައިވެރި ވެފައެވެ. ޕްރައިވެޓް ސެންޓަރުތަކުން ބައިވެރިވެފައި ވަނީ 1،701 ދަރިވަރުން ކަމަށް ޑީޕީއީ އިން ވަނީ ބުނެފައެވެ. އެދަރިވަރުން ބައިވެރި ވެފައިވަނީ ޖުމްލަ 47 ސެންޓަރަކުންނެވެ.

މާލޭގެ 21 ސްކޫލަކުން މިއަހަރު ޖުމްލަ 1،680 ދަރިވަރަކު އޯލެވެލް ހަދާނެ ކަމަށް ޑީޕީއީން ބުންޏެވެ. އަދި އަތޮޅުތަކުގެ 171 ސްކޫލަކުން 3،685 ދަރިވަރުން އޯލެވެލް ހަދާނޭ ކަމަށްވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.

މިފަހަރުގެ އޯލެވެލް އިމްތިހާނުގައި ޕްރައިވެޓުކޮށް ބައިވެރިވާ ސެންޓަރުތަކުގެ ތެރެއިން ތިން ސެންޓަރަކީ މާލޭގެ ތިން ސެންޓަރެވެ. އެގޮތުން އެ ސެންޓަރުތަކުން ޖުމްލަ 667 ދަރިވަރުން އޯލެވެލް އިމްތިހާން ހަދާނެ އެވެ. އަދި އަތޮޅުތަކުގެ 44 ސެންޓަރަކުން 1،034 ދަރިވަރުން ވަނީ އޯލެވެލް އިމްތިހާނުގައި ބައިވެރި ވެފައެވެ.

މިއަހަރާ އަޅައިބަލާއިރު މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ސްކޫލުތަކުން ބައިވެރިވި އަދަދު އިތުރެވެ. އެގޮތުން މިދިޔަ އަހަރު އޯލެވެލް އިމްތިހާންގައި 194 ސްކޫލަކުން 7،202 ދަރިވަރުން ވަނީ ބައިވެރި ވެފައެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ދުނިޔޭގެ ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ގަދަ 10 އަކަށް 469 ދަރިވަރަކު ހިމެނިފައި ވެއެވެ.