06 Jun 2015, 12:54
ދިވެހި ޒުވާން އާޓިސްޓުން ރާއްޖޭގެ ކުރީގެ މަޝްހޫރު އޮލިމްޕިއަންސް ބޭންޑްގެ ފަރާތުން ދަސްކުރަންވީ ރީތި އަހުލާގު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.

އޮލިޕިއަންސް ވިތް ޔޫތް ޝޯވްގެ ތެރެއިން -- ސަން ފޮޓޯ އަލީ ނަސީރު
ނޭޝަނަލް ސެންޓާ ފޯ ދަ އާޓްސް (އެންސީއޭ) އިން އިންތިޒާމްކޮށްގެން ބުރާސްފަތި ދުވަހުގެ ރޭ އޮލިމްޕަސް ސްޓޭޖްގައި ބޭއްވި ޝޯ "ޔޫތް ވިތު އޮލިމްޕިއަންސް" ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ރާއްޖޭގެ ޒުވާން އާޓިސްޓުންގެ އަމާޒަކަށްވާންވީ އޮލިޕިއަންސްގެ މެމްބަރުންގެ ކިބައިގައިވާ ރީތި މާތް އަހުލާގު އަށަގެންނެވުމަށް ކަމަށެވެ.
"މިއަދުގެ ޒުވާން އާޓިސްޓުން އޮލިމްޕިއަންސްގެ މެމްބަރުންގެ ކިބައިން ދަސްކުރަންވީ އެ ބޭފުޅުންގެ ކިބައިގައިވާ ރީތި އަހުލާގު،" ސީޕީ ވިދާޅުވި އެވެ.

އޮލިޕިއަންސް ވިތް ޔޫތް ޝޯވް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ އަލީ ނަސީރު
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޮލިމްޕިއަންސްއާ އެކު ޒުވާން އާޓިސްޓުން ލަވަކިޔުމަށް އެންސީއޭ އިން ހޯދާދީފައިވާ ފުރުސަތަށް ޓަކައި އެންސީއޭ އަށް ސީޕީ ޝުރުރުއާދާ ކުރެއްވި އެވެ. އަދި ޕޮލިސް ބޭންޑް "ޕޮލިސް 119" ތަރައްގީ ކުރުމަށް އެންސީއޭގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޓަކައި ވެސް ޝުކުރު އަދާކުރެއްވި އެެވެ.

އޮލިޕިއަންސް ވިތް ޔޫތް ޝޯވްގެ ތެރެއިން -- ސަން ފޮޓޯ އަލީ ނަސީރު
ޒުވާނުން ލަވަކިޔުންތެރިންނަށް ލަވަކިޔުމުގެ ދާއިރާއިން ކުރިއެރުމަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެންސީއޭ އިން މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ޝޯ ބުރާސްފަތި ދުވަހުގެ ރެއާއި ހުކުރު ދުވަހުގެ ރޭ އޮލިމްޕަސް ސްޓޭޖްގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އޮލިޕިއަންސް ވިތް ޔޫތް ޝޯވްގެ ތެރެއިން -- ސަން ފޮޓޯ މަރިޔަމް ރާނިޔާ
އޮލިމްޕިއަންސްގެ މެމްބަރުންނާ އެކު މިހާރުގެ ގިނަ ލަވަކިޔުންތެރިން ފެނިގެން ދިޔަ އެ ޝޯވްގައި އޮލިމްޕިއަންސްގެ ރީތި ލަވަތަކެއް ވަނީ ހުށަހަޅައިދީފަ އެވެ.