ފުރަތަމަ ޓާމް ބަންދާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ވަރަށް ބާރު ބޮޑުވެފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން"އަށް ވިދާޅުވީ ބަންދު ހަފްތާއާ ދިމާކޮށް މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުތައް ވަރަށް ބޮޑަށް ފުލްވެފައިވާ ކަމަށެވެ. އޭގެތެރެއިން ވެސް ދުވާލަކު އެއް ފުލައިޓު ބާއްވާ ތ. ތިމަރަފުއްޓާއި ޏ. ފުވައްމުލަކާއި ރ. އިފުރުގެ ދަތުރުތައް ފުލްވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މޯލްޑިވިއަން ދަތުރުކުރާ އެހެން ޑޮމެސްޓިކް މަންޒިލްތަކަށް ދުވާލަކު ފަސް ދަތުރު ކުރި ނަމަވެސް ޝީޓްތަކުުގެ ބާރު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަންދު ހަފްތާ ވީމަ ވަރަށް ވަރަށް ފުލްކޮށް އުޅެނީ، ހާއްސަކޮށް ޑޮމެސްޓިކް ހުރިހާ ޝީޓެއް ވަރަށް ފުލްކޮށް އުޅެނީ، މިބުނީ ފުލައިޓަކުން ޝީޓްއެއް ނީންނާނެއެކޭ ނޫން، އެކަމަކު ގިނަ ދިމާ ތަކަށް ފުލްކޮށް ދަނީ،" ނަޝާތު ވިދާޅުވި އެވެ.

މާލެއިން އަތޮޅުތެރެއަށް ދިއުމަށް ޓިކެޓްތަކަށް ބާރު ބޮޑުވެފައިވާއިރު އަތޮޅުތަކުން މާލެ އައުމަށް ވެސް ޓިކެޓް ބާރު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮމެސްޓިކް ދަތުރުތައް އިންތިހާއަށް ބާރު ބޮޑުވެފައިވާއިރު އިންޑިއާގެ ޓްރެވިންޑުރަމް އަށް މޯލްޑިވިއަންގެ ޓިކެޓްތައް ވިކި ހުސްވެފައިވާ ކަމަށް ވެސް ނަޝާތު ވިދާޅުވި އެވެ.

ޑޮމެސްޓިކްގައި ވައިގެ ހިދުމަތްދޭ އަނެއް ކުންފުނި ވިލާއެއާގެ ފުލައިމީ އިން މިހާރު ވަނީ މާލީ ދަތިތަކުގެ ސަބަބުން ކަމަށް ބުނެ ބ. ދަރަވަންދޫ އާއި އދ. މާމިގިލީގެ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ހުއްޓާލާފަ އެވެ.