ހަތަރު ރަށެއްގައި މިސްކިތް އެޅުމުގެ ގޮތުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓުރީން ބީލަމަށް ލައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އދ. އޮމަދު އާއި ހދ. ނާވައިދު އާއި ލ. މާބައިދޫގެ އިތުރުން ފ. ދަރަނބޫދޫގައި މިސްކިތް އެޅުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އެދޭ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި 30،000 ރުފިޔާ ބަހައްޓަން ޖެހޭނެ ކަމަށެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ފިނޭންސުން ބުނީ ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓު ކަމަށާއި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓު އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށެވެ.

އެ ބީލަމުގައި ބައިވެރިވެވޭނީ ހައުސިން މިނިސްޓުރީގެ ނޭޝަނަލް ކޮންޓްރެކްޓަސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކި ގުރޭޑުތަކަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓުރީން ބުނީ ބީލަމެއްގައި ބައިވެރިވުމަށް 500 ރުފިޔާގެ ރަޖިސްޓުރޭޝަން ފީ އެއް ދައްކަން ޖެހޭނެ ކަމަށެވެ. ފައިސާ ބަލައި ގަންނާނީ މާދަމާއިން ފެށިގެން މިމަހުގެ 14 ވަނަ ދުވަހު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 14:00 އަށް ކަމަށް ވެސް ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.

ބީލަން ހުށަހަޅާއިރު ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއްވާ ނަމަ އެ ފައިސާ ދައްކައި ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާ އެކު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ އިއުލާންގައިވެ އެވެ. އަދި އެ ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް ފަސް ދުވަހަށް ވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެ ޕުރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ މި މަހުގެ 22 ދުވަހުގެ ހެނދުނު 11:00 ގައި ކަމަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 30ވަނަ ދުވަހު ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.