06 Jun 2015, 10:04
ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި ތިބި ފަރާތްތައް ކުލީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ދައްކާފައި ނުވާ ފައިސާ ތިން މަސް ތެރޭގައި ދައްކަން އަންގައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓު ކޮށްފައިވާ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ސަރަހައްދުގައި ހިމެނޭ ތަންތަނުގައި ވިޔަފާރިކުރުމަށް ގޮޅި ދޫކުރުމުގައި ޢަމަލުކުރާނެ އުސޫލުގައި ބުނެފައި ވަނީ ތިން މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭނީ ހައުސިން މިނިސްޓްރީ އާއި ގޮޅިތައް ހަވާލުވި ފަހުން ގަވާއިދުން ފައިސާ ދެއްކި ކަމުގައި ވިއަސް ކުރިން ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތައް ކަމަށެވެ.
އުސޫލުގައި ބުނެފައި ވަނީ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި ކުލީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ އެއްގޮތަކަށް ވެސް ނުދައްކާ ފަރާތްތަކާ ހަވާލު ކުރެވިފައިވާ ބިންތައް އެ އުސޫލަށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން ހައުސިން މިނިސްޓްރީ އަށް ނެގޭނެ ކަމަށެވެ. އަދި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް ޓަކައި ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅޭނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.
ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުވަތަ ދައްކަން ޖެހޭ ކުލިތައް ގަވާއިދުން ދައްކާ ފަރާތްތަކަށް އެއްބަސްވުމުގައި ބާކީ އޮތް މުއްދަތައް ތަން ހިންގުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް ވެސް ހައުސިން މިނިސްޓުރީން އާންމުކޮށްފައިވަ އުސޫލުގައި ބުނެފައިވެ އެވެ.
"ގާނޫނާއި ގަވާއިދާ ހިލާފަށް މި އުސޫލުގެ އެއްވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ބިމެއް [ލޯކަލް މާރުކޭޓާއި ދަތުވެރިންގެ މާރުކޭޓޫ] ނުވަތަ ތަނެއް ބޭނުން ކުރަމުންދާ ފަރާތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ދައްކަމުން ދިޔަ ކަމުގައި ވިއަސް އެފަދަ ފަރާތްތަކާ މެދު ހަދާފައިވާ އެއްބަސްވުންތައް މި އުސޫލަށް އަމަލު ކުރަން ފަށާ ދުވަހުން ފަށައިގެން ބާތިލުކޮށްބިން ނުވަތަ ތަން ވަކި ކުރެވޭނެ އެވެ." އުސޫލުގައި ބުނެފައިވެ އެވެ.
ވަގުތީ ގޮޅިތައް ފިޔަވާ އެހެން ކޮންމެ ގޮޅިއެއްގެ ކުއްޔަކީ މަހަކު 2000 ރުފިޔާ އެވެ. އަދި މެއިންޓެނެންސް ފީ އެއްގެ ގޮތުގައި މަހަކު 200 ރުފިޔާ ނެގޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކުލި ދައްކަން ޖެހޭ ދުވަހު ނުދައްކައިފި ނަމަ 50 ރުފޔާގެ ޖޫރިމަނާ އެއް ކުރެވޭނެ އެވެ.
ހައުސިން މިނިސްޓްރީން އަންނަނީ ރަމަޟާން މަސް އައުމުގެ ކުރިން ގޮޅިތައް ސާފުކޮށް ގޮޅިތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ނެވެ.