06 Jun 2015, 10:40
މެދުތެރޭ ޗައިނާގައި ބަންޑުން ޖަހާލި ކުރޫޒް ޝިޕް މައްޗަށް ނެގި އިރު މަރުވި މީހުންގެ އަދަދު 331 އަށް އަރާފައިވާ ކަމަށް ޗައިނާގެ ނޫސްތަކުން ބުނެފި އެވެ.
ހަތަރު ސަތޭކަ ފަންސާސް ހަ މީހުން ދަތުރު ކުރި އެ ބޯޓުން ސަލާމަތްވީ ހަމަ އެކަނި 14 މީހުން ކަމަށް ނޫސްތަކުން ބުނެ އެވެ.
ކޮޅިގަނޑެއްގައި ޖެހި "އީސްޓަން ސްޓާ" ހޯމަ ދުވަހު ޔަންގްޓްޒާ ކޯރަށް ބަންޑުންވި އިރު އޭގައި ތިބީ އެވްރޮޖުކޮށް 60 އަހަރުން މަތީގެ މީހުންނެވެ.
ޗައިނާގެ ޒިންހުއާ ނިއުސް އެޖޭންސީ އިން މިއަދު ބުނީ އެއީ ވޭތުވެ ދިޔަ 70 އަހަރުގެ ތެރޭގައި ޗައިނާގައި ހިނގި ކަނޑުމަތީގެ އެންމެ ހިތާމަވެރި ހާދިސާ ކަމަށެވެ.
މަންޒަރުދުށް މީހުންނާ ހަވާލާދީ ސްޓޭޓް ޓީވީ، ސީސީޓީވީ އިން ބުނީ، 250 ފޫޓް ދިގު އަދި 2،200 ޓަނުގެ ބޯޓު ބަންޑުން ޖަހާލުމަށް މިނިޓެއް ވެސް ނުނަގާ ކަމަށާއި އަދި އެ ވަގުތު ބާރުގަދަ ތޫފާނެއް އެ ސަރަހައްދަށް އެރި ކަމަށެވެ.
އެ ބޯޓުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި 3،400 ސިފައިންނާއި 1،700 ޕެރަމިލިޓަރީ ފުލުހުންނާއި 149 އުޅަނދު ހަރަކާތްތެރިވެ އެވެ.