01 Mar 2011, 17:12
ކ. ތުލުސްދު އާއި ށ. ފުނަދޫ މައްސަލައިގައި ފުލުހުން ޢަމަލު ކުރަމުންދާ ގޮތާ މެދު ކަންބޮޑުވާ ކަމަށާއި އަދި ހޯމް މިނިސްޓަރު ހަސަން އަފީފަށް ގާނޫނީ ގޮތުން ލިބިފައިނުވާ ބާރެއް ތަންފީޒު ނުކުރުމަށް ފުލުހުންނަށް ޕީއޭ އިން ގޮވާލައިފި އެވެ.
މާލެ އަތޮޅު ކައުންސިލްގެ އިދާރާ ކ. އަތޮޅު ތުލުސްދޫ އަށް ބަދަލުކޮށް އަދި ށ. އަތޮޅު ކައުންސިލްގެ އިދާރާ ށ. ފުނަދު އަށް ބަދަލު ކުރި މައްސަލައިގައި ސަރުކާރުން ޢަމަލު ކުރަމުންދާ ގޮތާ ގުޅިގެން ޕީއޭ އިން ބުނީ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނަށް ދެވިފައިވާ އިތުބާރާއި ޤަދަރު ނެތި ގޮސް ފުލުހުންނަކީ ޤާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރަމުންދާ ބައެއް ކަމާ މެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދޭ ކަންކަމުން އެއްކިބާވުމަށް ގޮވާލާ ކަމަށެވެ. އަދި ޤާނޫނީ އިމުން ބޭރުން ފުލުހުންނަށް ކުރާ އަމުރުތައް ތަންފީޒް ނުކުރުމަށް ޕީޕަލްސް އެލަޔަންސް ޕާޓީ، ޕީއޭ އިން ވަނީ ފުލުހުންނަށް ގޮވައިލައިފަ އެވެ.
"ފުލުންގެ ޤާނޫނަށް ފުރިހަމައަށް އިހްތިރާމްކޮށް ރައްޔިތުންނާއި ރައްޔިތުންގެ މުދާ ހިމާޔަތްކުރުމުގައި ފުލުހުންނަށް ލިބިފައިވާ ވަސީލަތްތައް ބޭނުން ކުރުމަށް ގޮވާލަމެވެ. އަދި ރައީސުލްޖުމުހޫރިއްޔާ ހޯމްމިނިސްޓްރީ ހިންގުމާ ހަވާލު ކުރައްވާފައިވާ އަލްފާޟިލް ހަސަން އަފީފަށް ޤާނޫނީ ގޮތުން ލިބިފައިނުވާ ބާރެއް ތަންފީޒް ކުރުމުގައި ބައިވެރިނުވުމަށް ވެސް ގޮވާލަމެވެ." ޕީއޭގެ ބަޔާނުގައިވެ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ގެ 5 ވަނަ މާއްދާ ގެ (ށ) ގައި އިދާރީ ދާއިރާގެ މަރުކަޒީ ރަށް ކަމަށް ބަލާނީ 7 އޮގަސްޓް 2008 ގައި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ޢަމަލު ކުރަން ފެށި އިރު އެ އަތޮޅުތަކުގައި އަތޮޅުވެރިކަން ކުރަމުންއައި ރަށް ކަމަށާއި ނުވަތަ ޤާނޫނަކުން އެ އަތޮޅެއްގެ މަރުކަޒީ ރަށްކަމުގައި ކަނޑައަޅާ ރަށެއް ކަމަށް ބުނެފައި ވާއިރު ކ. އަތޮޅުގެ ކައުންސިލް އިދާރާ އަކީ ކ. ތުލުސްދޫ ނޫން ކަމަށާއި ށ. އަތޮޅު ކައުންސިލްގެ އިދާރާއަކީ ށ. ފުނަދޫ ނޫން ކަމަށް ޤަބޫލުކުރެވޭނެ އެއްވެސް ޖާގައެއްނެތް ކަމަށް ވެސް ޕީއޭއިން ބުންޏެވެ.
ކ. އަތޮޅުގެ ކައުންސިލްގެ އިދާރާ އާއި ށ. އަތޮޅު ކައުންސިލްގެ އިދާރާ، ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތަށް ރައީސުލްޖުމުހޫރިއްޔާ އެހެން ދެ ރަށެއްގައި ޤާއިމް ކުރައްވާފައިވާ ކަމަށް ހާމަކުރާކުރުމަކީ ކަނޑައެޅިގެން އިދާރީ ދާއިރާތައް ލާމްރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާ ޚިލާފަށް ރައީސް ކުރައްވާފައިވާ ކަމެއް ކަމާމެދު ޝައްކު ކުރާނެ ޖާގައެއް ނެތް ކަމަށް ވެސް ޕީއޭ އިން ބުންޏެވެ.
"މިކަން މިހާ ސާފުކޮށް ސަރީހަ ޢިބާރާތުން ޤާނޫނުގައި ބަޔާން ކުރެވިފައި ވާއިރު ދިވެހި ފުލުހުން މިހާރު ކ. ތުލުސްދޫގައި އާއި ށ. ފުނަދޫ ގައި ޢަމަލު ކުރަމުންދާ ގޮތާ މެދު މި ޕާޓީން ކަންބޮޑުން ފާޅުކުރަމެވެ. އަދި ޤާނޫނީ އިމުން ބޭރުން ކުރެވޭ އަމުރުތައް ތަންފީޒް ނުކުރުމަށް ގޮވާލަމެވެ." ޕީއޭއިން ބުންޏެވެ.