06 Jun 2015, 09:43
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަށް ބަހަން ހަމަޖެހިފައިވާ ފައިދާ މާދަމާ އިން ފެށިގެން ދޫކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޓީސީސީ އަށް ފާއިތުވި އަހަރު ރިކޯޑް މިންވަރަކަށް ފައިދާވެ، ސާފު ފައިދާގެ ގޮތުގައި 81.6 މިލިއަން ރުފިޔާ ލިބިފައިވާ އިރު ހިއްސާދާރުންނަށް ބަހަން ނިންމާފައިވާ ފައިދާގެ ތެރެއިން ހިއްސާ އަކަށް 20 ރުފިޔާ މާދަމައިން ފެށިގެން ދޫކުރަން ހަމަޖެހިފައިވާ ކަމަށް އެކުން ފުނިން ބުނެ އެވެ.
ހަމައެއާ އެކު 1981 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފައިދާ ނުނަގާ ތިބި ހިއްސާދާރުން އެ އަހަރުތަކުގެ ފައިދާ ނެގުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހިއްސާގެ ފައިސާ ނަގަން އަންނަ އިރު ހިއްސާގެ ސެޓްފިކެޓޫތައް ގެނައުމަށާއި ބޭންކް އެކައުންޓަށް ހިއްސާގެ ފައިދާ ޖަމާކުރަން އެދޭ ފަރާތްތަކަށް މާދަން ފެށިގެން އެއް މަސް ދުވަހުގެ ތެރޭ ޖަމާކޮށްދެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.
އެމްޓީސީސީ އިން ހިއްސާގެ ފައިދާ ދޫކުރަން ހަމަޖެހިފައި ވަނީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 ން 3:00 އަށް އެމްޓީސީސީ ހެޑް އޮފީސް ހަތް ވަނަ ފުލޯއިންނެވެ.
މިއަހަރު ބޭއްވި އަހަރީ އާންމު ޖަލްސާގައި ވަނީ ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާއެއް ދިނުމަށް ނިންމާފަ އެވެ. އެކުންފުނިން ބުނީ ހިއްސާދާރުންނަށް ދިނުމަށް ފާސްކުރި ބޯނަސް ހިއްސާއަށް ފައިދާ ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ފައިދާ އިން އަންނަ އަހަރުން ފެށިގެން ކަމަށެވެ.