06 Jun 2015, 07:09
މާލެއިން މ. ދިއްގަރަށްފުރަން އުޅެނިކޮށް، އޭގައި މަސްތުވާތަކެތި ހުރި ކަމުގެ ތުހުމަތުގައި ފުލުހުން އެ ބޯޓު ހިފަހައްޓައިފި އެވެ.
"ރޯޔަލް10" ނަކަމަށް ކިޔާ އެ ބޯޓް ހިފަހައްޓާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
މިއަދު ކުރިއަށްދާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ދިއްގަރު ދާއިރާގެ ރަށްތަކުގައި ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މީހުން އެ ބޯޓުން ފުރަން ވަނީ ހަމަޖެހިފަ އެވެ.
ދިއްގަރު ދާއިރާގެ އެމްޑީޕީ ކެންޑިޑެޓް އަހްމަދު ރާޒީ މިއަދު ސަން އަށް ވިދާޅުވީ އެ ބޯޓަކީ މާލޭގައި ތިބި ވޯޓުލާ މީހުން ދިއްގަރު ދާއިރާ އަށް ގެންދިޔުމަށް އޭނާ ކުއްޔަށް ހިފާފައިވާ ބޯޓެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބޯޓުގައި ދިއްގަރު ދާއިރާ އަށް ދާން ބޭނުންވާ 30 ނުވަތަ 40 ވަރަކަށް މީހުން ތިބޭނެ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އެ ބޯޓަށް އަރައި ހުރި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ބޯޓުގައި ތިބި މީހުން ފުލުހުން ޗެކު ކުރުމަށް ފަހު ބޭނުންވާ ތަނަކަށް ދެވޭނެ ކަމަށެވެ. އަދި އެ ބޯޓުގައި ތިބި މީހުންގެ ލަގެޖު ވެސް ފުލުހުން ޗެކު ކުރުމަށް ފަހު އޭގެ ވެރި ފަރާތާ ހަވާލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ރެއިން ސުރެ އެ ބޯޓު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި މިއަދު ކުއްތާ ބޭނުން ކޮށްގެން އެ ބޯޓު އިތުރަށް ޗެކު ކުރާނެ ކަމަށެވެ.