ފޭސްބުކް އަލަށް ބޭނުންކުރާ މީހުން އެއްބިލިއަނަށް އިތުރުކުރުމަށްޓަކައި ފޭސްބުކް ލައިޓް ތައާރަފްކޮށްފިއެވެ.

އެންޑްރޮއިޑް މި އެޕްލިކޭޝަނަކީ ސްލޯކޮށް އިންޓަނެޓް ލިބޭ ފޯނުތަކުގައި ފަސޭހަ ކަމާއިއެކު ފޭސްބުކަށް ވަދެވޭނެ ގޮތް ހަދަން ފޭސްބުކުން ތައާރަފްކުރި އެޕްލިކޭޝަނެއް ކަަމަށް ފޭސްބުކުން ބުނެއެވެ.

އޭޝިއާ ގައުމުތަކަށް މިއަދު ތައާރަފްކުރި އެޕްލިކޭޝަން ދެން ތައާރަފްކުރާނީ އެފްރިކާގެ ގައުމުތަކަށް ކަމަށާއި އޭގެ ފަހުން ލެޓިން އެމެރިކާ އަދި ޔޫރަޕްގެ ގައުމުތަކަށް ތައާރަފްކުރާނެ ކަމަށް ފޭސްބުކުން ބުނެއެވެ.

" މި އެޕްލިކޭޝަން ޑައުންލޯޑް ކުރަންނަގާނީ މަދު ސިކުންތު ކޮޅެއް،" ފޭސްބުކުގެ ބާނީ މާކު ޒުކަބާގް ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވެއެވެ.

މި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ފޭސްބުކުގައި ހުންނަ ހައިކޮލިޓީ ފޮޓޯ އާއި ވީޑިއޯ ފަދަ ތަކެތި ނުފެންނާނެ އެވެ. ސަބަބަކީ މި އެޕްލިކޭޝަނުން ޑާޓާ ބޭނުންކުރާނީ ވަރަށް މަދުން ކަމަށްވާތީއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޓޫޖީ ނެޓްވޯކްތަކުގައި ދެ ބިލިއަން މީހުން ފޯނު ބޭނުންކުރެއެވެ. އަދި ފޭސްބުކުން ބޭނުންވަނީ މިތަނުން އެއްބިލިއަން މީހުން އަލަށް ފޭސްބުކު ބޭނުންކުރަން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މިހާރުވެސް މޯބައިލް ފޯނުން ފޭސްބުކު ބޭނުންކުރާ 1.25 ބިލިއަން މީހުން އެބަތިބި ކަމަށް ފޭސްބުކު ވެބްސައިޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ.