ދުނިޔޭގެ ނިސްބަތުން ބަލާނަމަ ހަތްވަނައަށް އެންމެ ބޮޑު މުރަކަ ފަރުތައް އޮތީ ރާއްޖޭގައި ކަމަށާއި އެތަންތަނުން ބޭނުންކުރަން ލިބޭ "ރިސޯސްތައް" ގުޅިފައި ވަނީ ރާއްޖޭގެ އިގްތިޞާދަށް ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ތިމާވެށީގެ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ފޮޓޯ ކޮމްޕެޓިޝަންގެ ނަތީޖާ ފާޅުކޮށް މައުރަޒު ހުޅުވުމަށް މިރޭ އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހަތްވަނަ އަށް އެންމެ ބޮޑު މުރަކަ ފަރުތައް ރާއްޖޭގައި އޮތް އިރު، ދިރޭތަކެތީގެ ނިސްބަތް ދުނިޔެއަށް ބަލާނަމަ ފަސްވަނައަށް އެންމެ ގިނައީ ރާއްޖޭގެ ފަރުތަކުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ރާއްޖޭން ލިބެން ހުރި ރިސޯސްތައް، ހާއްސަކޮށް ފަރުތަކުން ލިބެން ހުންނަ މަސްމަހާމެހި ގުޅިފައި އޮންނަނީ އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އިގްތިޞާދާ. އެހެންގޮތަކަށް ބުނާނަމަ އިގްތިޞާދު ގުޅިފައި މި އޮންނަނީ ތިމާވެއްޓާ. އެހެންވީމަ މި ފަރުތައް ރަނގަޅަށް ނުބެލެހެއްޓިއްޖެ ނަމަ، ތިމާވެށި ރަނގަޅަށް ނުބެލެހެއްޓިއްޖެ ނަމަ އޭގެ ގެއްލުން ރާއްޖޭގެ އިގްތިޞާދަށް ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އާބާދީ ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމަށާއި އެއާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް ދުވަހަކަށް ފަހު ދުވަހެއް އިތުރުވެ އެ ދާއިރާ ވެސް ކުރިއަރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން ރާއްޖޭގައި ކެއިން ބުއިމަށް ބޭނުންކުރާ ބާވަތްތައް ބޭނުންކުރެވޭ މިންވަރު އިތުރުވަމުން އަންނަ އިރު، އެތަކެތި ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެގޮތް ހަދަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ކޮންމެ ރިސޯސެއް ވެސް މިހުރީ އެއްވަރަކަށް. ދަނޑުވެރިކަމުގެ ދާއިރާއިން ވެސް މަސްވެރިކަމުގެ ދާއިރާއިން ވެސް. އެހެންވީމަ މި ތަކެތި އަޅުގަނޑުމެން ބޭނުންކޮށްލި ކޮށްލީނުން ނެތިގެން ހިނގައްޖެނަމަ ދެން އިތުރަށް އާލާކުރެވިގެން ނުދާނެ. އެހެންވީމަ ކޮންމެ ރިސޯސެއް ބޭނުންކުރާ އިރުވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް އިސްރާފުނުކޮށް ވޭތޯ ބަލަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރެވޭނެ ގޮތްތައް ވަރަށް ރަނގަޅަށް ރާވައި ތިމާވެށި ވަރަށް ރަނގަޅަށް ބަލަހައްޓަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތިމާވެށީގެ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ފޮޓޯ ކޮމްޕެޓިޝަންގެ ފޮޓޯތައް ދައްކާލުމަށް ކުރިއަށްގެންދާ މައުރަޒު މިނިސްޓަރު ޠާރިގު ހުޅުވައިދެއްވަނީ -- ސަން ފޮޓޯ: އަލީ ނަސީރު

ތިމާވެށީގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ފޮޓޯ ކޮމްޕެޓިޝަންގައި ބައިވެރިން ނަގާފައިވާ ފޮޓޯތައް ދެއްކުމުގެ މައުރަޒު، އާޓްގެލަރީގައި ކުރިއަށްދާނީ މިރެއިން ފެށިގެން މާދަމާރޭގެ ނިޔަލަށެވެ.