ސިކުނޑީގެ ސާޖަރީއެއް ހަދަމުންދިޔަ މީހަކު، ސާޖަރީ ހަދަމުން ދިޔަ ޑޮކްޓަރުންގެ ޓީމަށް ގިޓާ ކުޅެދީ ލަވަ ކިޔައިދީފި އެވެ.

ބްރެޒިލްގެ ރައްޔިތެއް ކަމަށްވާ އެންތަނީ ކުލްކަމްޕް ޑިއަސް، 33 ގެ ސިކުނޑީގައި އިން ޓިއުމަރެއް ނެގުމަށް މިދިޔަ ހަފްތާ ތެރޭގައި ކުރި އޮޕަރޭޝަންގައި އޭނާ ބާއްވާފައި އޮތީ އައްސިކޮށްފަ އެވެ. ޑިއަސްގެ ސާޖަރީ ހެދި ބްރެޒިލްގެ ނޮސާ ސެންހޯރާ ޑަ ކޮންސެއިސާއޯ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނި ގޮތުގައި އޭނާ ހޭނުނައްތާ ބޭއްވީ، ސިކުނޑީގެ ރަނގަޅު ޗާޓެއް ފެނި، ސިކުނޑީގެ ނާޒުކު ސަރަހައްދަށް ގެއްލުމެއްވިޔަ ނުދިނުމަށް ކަމަށެވެ.

"ސާޖަރީ ހަދަމުންދާ ވަގުތު ޕޭޝަންޓް ހޭލާ ބޭއްވުމުން، ސިކުނޑީގެ ސަރަހައްދުތައް މޮނީޓާ ކޮށްލަން ފަސޭހަވާނެ. މިއީ މުޅި ސާޖަރީ ޓީމަށް ކުރިމަތިވި އިމްތިހާނެއް،" ކްލިނިކަލް ޑިރެކްޓަރު ޖީން އެބްރޫ މަޗާޑޯ ވިދާޅުވި އެވެ.

ޕްރޮފެޝަނަލްކޮށް ގިޓަރިސްޓް ޑިއަސްގެ ސިކުނޑީގެ ސާޖަރީއެއް ހަދަމުން ދިޔަ ވަގުތު އޭނާ ވަނީ ސާޖަރީ ހެދި ޑޮކްޓަރުންގެ ޓީމަށް ގިޓާ ބޭނުންކޮށްގެން ހަ ލަވައެއް ކުޅެދީފަ އެވެ.

އެގޮތުން ބައެއް ބްރެޒިލް ލަވަތަކެއްގެ އިތުރުން މަޝްހޫރު އިނގިރޭސި ރޮކް ބޭންޑް ބީޓްލްސްގެ ލަވަ "ޔެސްޓަޑޭ" އާއި އޭނާގެ ފިރިހެން ދަރިފުޅަށް ހާއްސަކޮށްގެން ހަދާފައިވާ "އެމާނުއެލް" ނަމަކަށްކިޔާ ލަވައެއް އޭނާ ވަނީ ޑޮކްޓަރުންނަށް ހުށަހަޅައިދީފަ އެވެ.

"އަހަރެންގެ ކަނާތު ފަޅި އޮޕަރޭޝަން ކުރަމުންދިޔައީ. އެހެންވެ ކަނާތު އަތް ވަރަށް ބަލި ވެފައި އޮތީ. ބައެއް ފަހަރު ހުއްޓާލާފަ އަރާމުކޮށްލުމަށް ފަހު އަލުން ފަށަނީ. އަދި ޑޮކްޓަރުންނާ އަހަރެން ވާހަކަ ވެސް ދެއްކިން،" މިހާރު ބޭންކެއްގައި މަސައްކަތްކުރަމުން އަންނަ ޑިއަސް ބުންޏެވެ.

ޑިއަސްގެ ސިކުނޑީގައި ޓިއުމަރެއް އުފެދިފައި އިންކަން އިނގުނީ، އޭނާގެ ފިރިހެން ދަރިފުޅު ލިބުނުތާ 15 ދުވަސް ފަހުންނެވެ. ޑިއަސްގެ އޮޕަރޭޝަންގައި އޭނާގެ ސިކުނޑީގައި އިން ޓިއުމަރުގެ 90 ޕަސެންޓް ވަނީ ކާމިޔާބުކަމާ އެކު ނަގައިފަ އެވެ.

މައުލޫމާތު:ސީއެންއެން އަދި ދަ ގާޑިއަން