އިރާގުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައި، ސައްދާމުގެ ވެރިކަން ދެމެހެއްޓުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ އެގައުމުގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު ތޯރިގް އަޒީޒް އިރާގުގެ ޖަލެއްގައި އަވަހާރަވެއްޖެ އެވެ.

އިރާގުގެ އޮފިޝަލުންނާ ހަވާލާދީ އަލް ޖަޒީރާއިން ބުނީ، އުމުރުފުޅުން 79 އަހަރުގެ އަޒީޒު މިއަދު މެންދުރު ފަހު އަވަހާރަވީ، ބުރާސްފަތިދުވަހު ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.

ތޯރިގް އަޒީޒުގެ ފިރިހެން ދަރިފުޅު ޒައިދުއާ ހަވަލާދީ ޖަޒީރާއިން ބުނެފައިވަނީ، ޒައިދުގެ ބައްޕާފުޅު އަވަހާރަވިކަން އިރާގުގެ އޮފިޝަލުން އޭނާއާ ހިއްސާކޮށްފައި ނުވާތީ އޭނާއާ އެ އާއިލާއިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި ކަމަށާއި އަދި އެމީހުންނަށް ތޯރިގް އަޒީޒު އަވަހާރަވި ހަބަރު ލިބިފައިވަނީ އިރާގުގެ ހަބަރުފަތުރާ ވަސީލަތްތަކުން ކަމަށެވެ.

ތޯރިގް އަޒީޒު ވަނީ 1983 އިން ފެށިގެން 1991 އާ ހަމައަށް އިރާގުގެ ހާރިޖީ ވަޒީރުކަން، އަދި 1979 އިން ފެށިގެން 2003 އާ ދެމެދު އެގައުމުގެ ބޮޑުވަޒީރުގެ ނައިބުކަން ކުރައްވައިފައެވެ. އުފަންވީއިރު މިޚާއިލް ޔޫޚަންނާ އަދި ފަހުން ތޯރިގް އަޒީޒަކީ ސައްދާމުގެ ވެރިކަން ދިފާއުކުރެއްވުމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި، އަދި ސައްދާމްގެ ބަޢަޘް ޕާޓީގެ އެންމެ މަތީވެރީންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ހަމައެކަނި ކްރިސްޓިއަން ބޭފުޅާއެވެ.

އެމެރިކާއިން 2003 ވަނަ އަހަރު އިރާގު ހިފިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ތޯރިގުވަނީ އަމާންދެއްވައިފައެވެ. އަދި އޭގެފަހުން އަވަހާރަވުމާ ހަމައަށްވެސް އޭނާ ހުންނެވީ ޖަލުގައެވެ.

ސައްދާމް ހުސައިންގެ ޒައާމަތުގައި އިރާގުގެ ދީނީ ޖަމާއަތްތަށް ނައްތާލުމަށް އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާކަމަށް ބުނެ ތޯރިގުގެ މައްޗަށް 2010 ވަނަ އަހަރު އިރާގުގެ ސްޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވިއެވެ. އަދި އޭގެ އިތުރުން އޭނާގެ މައްޗަށް ވަނީ 22 އަހަރު ދުވަހުގެ ޖަލުހުކުމެއްވެސް އިއްވައިފައެވެ. އެހެން ނަމަވެސް ސައްދާމާއި އޭނާގެ ސަރުކާރުގެ އެހެނިހެން އިސް އޮފިޝަލުންނަށް މަރުގެ ހުކުމް ތަންފީޒުކުރި ނަމަވެސް ތޯރިގުގެ މައްޗަށް އެހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.

ސައްދާމު ހުސައިންގެ ދުވަސްވަރު އިރާގު އެންމެ މަޝްހޫރު އެއް މޫނުކަމަށްވާ ތޯރިގު އަޒީޒު ވަނީ ދުނިޔޭގެ އެކިކަންކޮޅުތަކަށް ޒިޔާރަތްކުރައްވައި އޭރު އިރާގުގެ ސަރުކާރާމެދު ކުރެވެމުންދިޔަ ތަފާތު ތުހުމަތުތައް ދިފާއުކުރައްވައި ގިނަބައެއްގެ ސަމާލުކަން ހޯއްދަވައިފައެވެ.

އަޒީޒުވަނީ، ހަނގުރާމައިގައި ސައްދާމުގެ ސަރުކާރު ވެއްޓުމަށް ފަހުވެސް އަދި ޖަލުގައި ހޭދަކުރެއްވި 12 އަހަރު ދުވަހުގެ ތެރޭގައި ވެސް ސައްދާމަށް ވަފާތެރިއެއްގެ ގޮތުގައި ހުންނަވައިފައެވެ.

އެމެރިކާ އިސްވެ އޮވެ، އިރާގާ ދެކޮޅަށް ހަމަލާތައް ދޭންފެށުމާއެކު އެމެރިކާއިން ނެރުނު "ވޯންޓެޑް" ލިސްޓުގައި ހިމެނޭ ސައްދާމު ސަރުކާރުގެ އެންމެ އިސް އަށް އޮފިޝަލުންގެ ތެރޭގައި ތޯރިގު އަޒީޒު ހިމެނިވަޑައިގަންނަވައެވެ.