ހައި ކޯޓުގެ ގަވާއިދު ސަރުކާރުގެ ގެޒެޓުގައި ޖެހުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުމުން ވެސް ގެޒެޓުގައި ޝާއިއުކޮށްފައި ނުވާތީ ދުވަހު ނޫހެއްގައި ގަވާއިދު ޖެހުމަށް ފަހު މިއަދު އަމަލު ކުރަން ފަށައިފި އެވެ.

ހައި ކޯޓުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ހައި ކޯޓުގެ އާ ގަވާއިދަށް މިއަދު އަމަލު ކުރުމަށް ހަމަޖެހިފައިވީ އިރު ފެބްރުއަރީ 16 ގައި ގަވާއިދު ގެޒެޓުގައި ޖެހުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ގަވާއިދަށް އަމަލު ކުރަން ފަށާ ތާރީހު ގެޒެޓުގައި ޝާއިއުކޮށްދީފައިނުވާތީ ދުވަހު ނޫހެއްގައި ގަވާއިދު ސަޕްލިމެންޓެއްގެ ގޮތުގައި ޖެހުމަށް ފަހު މިއަދު އަމަލު ކުރަން ފެށީ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.

"މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްދެއްވުމަށް އެދި 16 ފެބްރުއަރީ 2011 ގައި ހައި ކޯޓުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވީ ނަމަވެސް އަމަލު ކުރުމަށް ހަމަޖެހިފައިވާ ތާރީހު އައިރު ވެސް ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިއުކޮށްދީފައިނުވާތީ މި ގަވާއިދަށް އަމަލު ކުރަން ފަށާފައި ވަނީ ދުވަހު ނޫސް ހަވީރުގައި ސަޕްލިމެންޓެއްގެ ގޮތުގައި މި ގަވާއިދު ޝާއިއު ކުރުމަށްފަހުގަ،" ހައި ކޯޓުގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ހައި ކޯޓުގެ އާ ގަވާއިދަށް އަމަލު ކުރަން ފަށާފައި މި ވަނީ މިއަދުން ފެށިގެން އެ ގަވާއިދަށް އަމަލު ކުރަން ފަށާނެ ކަމަށް އާންމުކޮށް އިއުލާންކޮށްފައިވާ ކަމަށެވެ. އަދި އެ ގަވާއިދު ހައި ކޯޓުގެ ވެބްސައިޓުގައި ފެންނަން ހުންނާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ހައި ކޯޓުގެ ގަވާއިދަށް އަމަލު ކުރަން ފަށާފައި މި ވަނީ ތިން އިސްލާހަކާ އެކު އެވެ. އެގޮތުން ކުރިން އެ ގަވާއިދުގައި ބުނެފައި ވަނީ ހައި ކޯޓުގައި ވަކާލާތު ކުރެވޭނީ ވަކާލާތު ކުރުމުގައި ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށް އެކަނި ކަމަށެވެ. ނަމަވެސް އެ މާއްދާ އިސްލާހުކޮށް މިހާރު ހަމަޖައްސާފައި ވަނީ އިސްތިސްނާ ކޮށްފައިވާ ހާލަތްތަކުގައި ފިޔަވައި ކޯޓުގައި ވަކާލާތު ކުރެވޭނީ އެކަމުގެ ހުއްދަ ދޫކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި މިއަދުގެ ކުރިން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހަމަޖައްސާފައިވާ ވަކީލުންނަށް އިތުރު ހުއްދައަކާ ނުލައި ވަކާލާތު ކުރެވޭނެ ގޮތަށް ވެސް އެ ކޯޓުން ހަމަޖައްސާފައިވެ އެވެ.