އެމެރިކާގެ މަޝްހޫރު ފައިނޭންޝަލް ސާވިސް ކުންފުންޏެއް ކަމަށްވާ، މާސްޓަރކާޑުން ކޮންމެ އަހަރަކު ނެރެމުން އަންނަ ދުނިޔޭގެ އެންމެ ހަލުއި ކަމާއެކު ކުރިއަރަމުން އަންނަ ޓޫރިސްޓް ސިޓީތަކުގެ ލިސްޓުގެ އެއްވަނަ ސްރީލަންކާގެ ވެރިރަށް ކޮލަންބޯއަށް ލިބިއްޖެ އެވެ.

މާސްޓާކާޑުން ނެރެމުން އަންނަ އެ ރިޕޯޓަކީ ދުނިޔޭގެ 132 ސިޓީއެއްގެ ގްލޯބަލް ޑެސްޓިނޭޝަން އިންޑެކްސް ގެ ނަތީޖާ އަށް ބިނާކޮށް ނެރެމުން އަންނަ ރިޕޯޓެކެވެ. އެގޮތުން އެ ރިޕޯޓުގައި އެ ސިޓީތަކަށް ފަތުރުވެރިންދާ އަދަދާއި ފަތުރުވެރިން އެ ސިޓީއެއްގައި ހޭދަކުރާ މިންވަރު ބަލާފައިވެ އެވެ.

މިދިޔަ ބުދަ ދުވަހު ނެރުނު މިއަހަރުގެ ރިޕޯޓުގައި އެންމެ ހަލުވި ކަމާއެކު ތަރައްގީ ވަމުން އަންނަ 10 ޓޫރިސްޓް ސިޓީގެ ތެރެއިން ކޮލަންބޯއަށް އެއްވަނަ ލިބިފައިވަނީ، ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި 21 ޕަސެންޓްގެ ކުރިއެރުމެއް ހޯދައިގެންނެވެ.

އެ ލިސްޓުގެ ދެވަނަ ޗައިނާގެ ސިޗުއަން ޕްރޮވިންސްގެ ވެރިރަށް ޗެންދޫއަށް ލިބިފައިވާއިރު، އެކުވެރި އަރަބި އިމާރާތުގެ ވެރިރަށް އަބޫދާބީއަށް ލިބިފައިވަނީ ތިން ވަނަ އެވެ.

ލިސްޓުގެ ހަތަރު ވަނަ ޖަޕާނުގެ އޮސާކާއަށް ލިބުނު އިރު، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދު ހިމެނިފައިވަނީ ފަސް ވަނަގައިގައެވެ. އޭގެ ފަހަތުން ހަ ވަނަ ޗައިނާގެ ޝިއާން އަށް ލިބުނު އިރު، ޓައިވާންގެ ޓައިޕޭ އޮތީ ހަތް ވަަނައިގައެވެ.

އެ ލިސްޓުގެ ފަހަތު ހަތަރު ޖާގައިގެ ތެރެއިން ތަރައްގީގެ ރޮނގުން ކުރިއަރާފައިވާ ޖަޕާނުގެ ޓޯކިޔޯ އޮތީ އަށްވަނައިގައެވެ. އަދި ޕެރޫގެ ވެރިރަށް ލީމާ އޮތީ ނުވަ ވަނައިގައެވެ. ލިސްޓުގެ ފުލުގައި އޮތީ ވިއެޓްނާމްގެ ހޯ ޗީ މިންހް ސިޓީއެވެ.

މިއަހަރުގެ ރިޕޯޓް ދައްކާގޮތުން، އެންމެ ހަލުވި ކަމާއެކު ތަރައްގީ ވަމުން އަންނަ 10 ސިޓީތަކުގެ ތެރެއިން ހަތް ސިޓީއެއް ހިމެނެނީ އޭޝިއާ ބައްރުގައެވެ.