އިންޑިޕެންޑެންސް ގޯލްޑަން ޖުބުލީ ގްލޯބަލް ވެޓެރަންސް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗްގައި 2-0ގެ ނަތީޖާއަކުން ރާއްޖޭގެ ޓީމް ބަލިކޮށް އިންޑިއާ ފައިނަލަށް ހިނގައްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގައި އިންޑިއާގެ ދެ ލަނޑު ވެސް ކާމިޔާބު ކުރީ އިންޑިއާގެ ކެޕްޓަން ރަމަން ވިޖަޔަން އެވެ.

ފުރަތަމަ ލަނޑު ވިޖަޔަން ކާމިޔާބު ކުރީ ފުރަތަމަ ހާފު ގެ ފަހު ކޮޅުގަ އެވެ.

ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފުގެ 13 ވަނަ މިނެޓްގަ އެވެ.

މިމެޗްގައި ރާއްޖޭގެ ޓީމަށް ވެސް ވަނީ ލަނޑު ޖާހާނެ ފުރުސަތުތަކެއް ލިބިގެންގޮސްފަ އެވެ. އެގޮތުން ޔޫސުފް އަޒީމް (ޔޫއްޓޭ) އަށް ރަނގަޅު ފުރުސަތެއް ލިބިގެން ދިޔަ އެވެ.

މުބާރާތުގެ ފައިނަލްގައި އިންޑިއާއާ ވާދަކުރާނެ ޓީމެއް ކަށަވަރު ވެގެންދާނީ ސެމީ ފައިނަލް ދެ ވަނަ މެޗްގައި މިރޭ އިންޑޮނޭޝިއާއާ ބުރުނާއީ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމެކެވެ. އެމެޗް އޮންނާނީ މިރޭ 8:30 ގައެވެ.

ފައިނަލް މެޗް އޮންނާނީ މާދަމާ ހަވީރު 4:30 ގައެވެ.