ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ދީނީ ދަރުސްތަަކަށް ހުރަސްއެޅުމަކީ 'ދަށުދަރަޖައިގެ ފިނޑިކަމެއް' ކަމަށް އިސްލާމިކް ރިސާޗުން ބުނެފި އެވެ.

އެ ޖަމްއިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހައުސިން މިނިސްޓްރީ އިން ކާނިވާ ސަރަހައްދު ދަރުސްއެއް ބާއްވަން އެ ޖަމްއިއްޔާ އަށް ދޫކުރުމަށް ފަހު އެ ހުއްދަ ކެންސަލްކޮށްފައިވާ ކަމަށެވެ. 'އަވަސްވެގަންނާށޭ' ނަމުގައި ބާއްވަން ހަމަޖެއްސި އެ ދަރުސްގައި ވާހަކަ ދައްކަން ހަމަޖެހިފައި އޮތީ މައްޝޫރު ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިޚް އިލްޔާސް އާއި ފިގުހު އެކަޑަމީގެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު އިޔާޒު އެވެ.

މި ދެ އިލްމުވެރިންގެ ނަން ހިމަނައިގެން 'ދަރުސްގެ އިސްތިހާރު ކުރަންފެށިތާ 24 ގަޑިއިރު ނުވަނީސް ކާނިވާ ސަރަހައްދުގައި ދަރުސްބާއްވަން ދޫކުރި ހުއްދަ ވަނީ ބާޠިލްކޮށްފައި' ކަމަށް އިސްލާމިކް ރިސާޗުން ބުންޏެވެ. އޭގެ ސަބަބުން 'މާލީ ގޮތުންނާއި އެހެނެހިން ގޮތްގޮތުން ތަކުލީފް' އުފުލަން ޖެހުނު ކަަމަށް އެ ބަޔާނުގައިވެ އެވެ. އެ ދަރުސް އަކީ ރަމަޟާން މަަހަށް ތައްޔާރުވުމުގެ ގޮތުން ބާއްވަން ނިންމި ދަރުސްއެއް ކަމަށް އިސްލާމިކް ރިސާޗުން ބުންޏެވެ.

އެ ބަޔާނުގަައި ވަނީ ދީނާ ގުޅުން ހުރި ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ގަދަކީރިތިވަންތަ ﷲ އަށް ބިރުވެތިވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ﷲ ރިސާލަތު ފެތުރުމަށް ހުރަސްއަޅާ އިސްލާމްދީނާއި ބީރައްޓެހި މީހުން ދީނީ ސިޔާސަތުތައް ތަންފީޒްކުރާ ވުޒާރާތަކަށާއި މުއައްސަސާތަކުގެ މަސްއުލުވެރި މަގާމްތަކަށް އައްޔަން ނުކުރުމަށް ރައިސުލްޖުމްހޫރިއްޔާ އަށް މި ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

އިސްލާމިކް ރިސާޗުގެ ބަޔާނާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

މިރޭ ބާއްވާ އެ ދަރުސް މިހާރު ބޭއްވުމަށް ހަމަޖައްސާފައި ވަނީ ފުރުގާނު މިސްކިތުގަ އެވެ.