ދިއްގަރު ދާއިރާގެ އަޑު ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް އިއްވިފައިނުވާ ކަމަށާއި ވޯޓު ދޭންޖެހޭނީ ދާއިރާގެ ރައްޔިތުންގެ އަޑު އިއްވޭނެ ކެންޑިޑޭޓަކަށް ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ރާޒީ ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރާޒީ ވިދާޅުވީ މަޖިލީހުގައި ސަރުކާރުގެ އަޣުލަބިއްޔަތު އޮވެގެން ދިއްގަރު ދާއިރާއަށް ކޮށްދިން ކަމެއް ނެތް ކަމަށެވެ. އެހެންކަމުން މަޖިލީހުގައި ދިއްގަރު ދާއިރާގެ އަޑު ގަދަޔަށް އިއްވައި ދާއިރާގެ ތަރައްގީއަށް މަސައްކަތް ކުރަންޖެހޭ ކަމަށް ރާޒީ ވިދާޅުވި އެވެ.

"ދިއްގަރު ދާއިރާގެ ވާހަކަ ވީހާވެސް ގަދަކޮށް މަޖިލީހުގައި ދައްކަންޖެހޭ. މިއީ އަޅާނުލެވި އޮތް ދާއިރާއެއް،" ރާޒީ ވިދާޅުވި އެވެ.

ރާޒީ ވިދާޅުވީ ދިއްގަރު ދާއިރާ އަކީ އެއްވެސް ރިސޯޓެއް އޮންނަ ދާއިރާއެއް ނޫން ކަމަށާއި ދިއްގަރު ދާއިރާގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށެވެ.

ސަރުކާރުން ކެންޕޭނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ރާޒީ ވިދާޅުވީ ރައްޔިތުން މިއަދު ވަނީ ވަރަށް ބޮޑަށް ހޭލުންތެރި ވެފައި ކަމަށާއި ކަންކަން ވަމުންދާގޮތް ރައްޔިތުންނަށް އެނގޭ ކަމަށެވެ.