އެހެންް ދާއިރާތަކަށް ވުރެ ދިއްގަރު ދާއިރާ ތަރައްގީގެ ދުވެލީގައި ވަކި ފަތަށް ޖެހުނަ ނުދެއްވާނެ ކަމަށް ޕީޕީއެމްގެ ފަރާތުން އެދާއިރާގެ މަޖިލީސް މެމްބަރުކަމަށް ވާދަކުރައްވާ އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ދިއްގަރުގައި ހުންނަވައިގެން މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ފާރިސް ވިދާޅުވީ ދިއްގަރު ދާއިރާއަށް ތަރައްގީގެ ގޮތުން ރައްޔިތުން ގެންނަން ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށާއި ޕީޕީއެމްގެ މެނިފެސްޓޯގައިގައިވާ އެ ދާއިރާއާ ގުޅުންހުރި ކަންތައްތައް ކުރުމަށް އެންމެ އިސްވެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

" ދާއިރާގެ ތަރައްގީއަށް އެހެން އެއްވެސް ދާއިރާއަކަށްވުރެ ވަކިންް ފަހަކަށް ނުޖެހޭނަން. އަޅުގަނޑު މިދާއިރާގެ މެމްބަރު ކަމަށް އިންތިޚާބުކޮށްފިނަމަ މިކަމުގައި ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އަރުވަން،" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދާ ހަމައަށް ކުރިއަށްގެންދެވުނީ ވަރަށް ދިގު ކެންޕޭނެއް ކަމަށާއި ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކެންޕެންގައި ބައިވެރިވެވަޑައިގަތްކަމީ ކެންޕޭނަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

ދިއްގަރު ދާއިރާގެ ގިނައަދަދެއްގެ ރަައްޔިތުން ކެންޕޭންގައި ބުރަކޮށް މަސައްކަތްކޮށްފައިވާތީ އެކަމަށްޓަކައި ފާރިސް ވަނީ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.