01 Mar 2011, 17:02
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާނާ މެދު ކަންތައް ހިންގައިފައިވާ ގޮތުގެ މައުލޫމާތު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ރަނގަޅަށް ލިބިފައިނުވާ ކަމަށާއި އެކަން ހިނގައި ދިޔަ ގޮތް މިހާރު ސާފުކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އިއްޔެ ވަޒީފާ އިން ސަސްޕެންޑްކުރެއްވި ރިޝްވާންގެ މައްސަލައާ ގުޅޭ ގޮތުން ޕޮލިސް އިންޓެގްރިޓީގެ ރައީސް ޝަހިންދާ އިސްމާއިލް މިއަދު ވިދާޅުވީ، ރިޝްވާންގެ މައްސަލަ ހިނގައިފައި އޮތް ގޮތް ކޮމިޝަނަށް އަދި މުޅިން ސާފުނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވެސް އެންމެ ސާފުނޫންކޮށް މިއޮތީ ރިޝްވާން ސަސްޕެންޑްކުރީތޯ، ނޫނީ އެވަގުތު ގެއަށް ފޮނުވާލެއްވީތޯ ނުވަތަ ވަކިކުރެއްވީތޯ،" ޝަހިންދާ ވިދާޅުވި އެވެ. "އޭގައި އެކަން ހިނގައިފައި އޮތް ގޮތެއް ބަލައިލީމާ އެނގޭނީ ކިހިނެތްކަން ވެގެން މިއުޅެނީ،"
ހޯމް މިނިސްޓަރަށް ޑެޕިއުޓީ ކޮމިޝަނަރަކު ސަސްޕެންޑްކުރެއްވޭނެތޯ ދެންނެވުމުން ޝަހިންދާ ވިދާޅުވީ، ފުލުހުންގެ ޤާނޫނުގައިވާ ގޮތުން ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރުން އައްޔަންކޮށް، ވަކިކުރެއްވޭނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށެވެ.
"ސީދާ އެހެން ބުނާކަށެއް ނޭނގޭނެ ހިނގައިފައި އޮތް ގޮތް ރަނގަޅަށް ބަލައިފައި ނޫނީ. ވެދާނެ ނޫންތޯ ރައީސްގެ އިޝާރާތަކަށް ހޯމް މިނިސްޓަރު އެގޮތަށް އަމަލުކުރެއްވީ ކަމަށް ވެސް. އަޅުގަނޑުމެން މިދަނީ އެހެންވެ ބަލަން ޖެހޭ ހުރިހާ ކަމެއް ސާފުކުރަމުން،" ޝަހިންދާ ވިދާޅުވި އެވެ.
ޝަހިންދާ އިތުރަށް ވިދާޅުވީ، ކޮންމެ ފުލުހެއްގެ ވެސް ހައްގުތައް ރައްކާތެރިކޮށްދިނުމަކީ ކޮމިޝަނުގެ ޒިންމާއެއް ކަމަށާއި ފުލުހަކާ މެދު އެޅޭ ކޮންމެ ފިޔަވަޅެއް ކޮމިޝަނަށް އެންގުމަކީ ފުލުހުންގެ ޤާނޫނު ލާޒިމްކުރާ ކަމެއް ކަމަށެވެ. ނަމަވެސް، ރިޝްވާންއާ މެދު ސުލޫކީ މައްސަލައެއްގައި މިހާތަނަށް ފިޔަވަޅު އަޅައިފައިވާކަން ފުލުހުންގެ އިދާރާއިން އަންގައިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެހެންވެ، އެ މައުލޫމާތު ފުލުހުންގެ އިދާރާ އިން އަޅުގަނޑުމެން މި ހޯދަނީ." ޝަހިންދާ ވިދާޅުވި އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ރިޝްވާން ފުލުހުންގެ ހިދުމަތުން އިއްޔެ ސަސްޕެންޑްކޮށް ގެއަށް ފޮނުވާލީ ތުލުސްދޫ މައްސަލާގައި ހޯމް މިނިސްޓަރާ ދެމެދު ހިނގި ހިޔާލުތަފާތުވުމަކާ ގުޅިގެންނެވެ.
އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، ހޯމް މިނިސްޓަރު ހަސަން އަފީފު އެންގެވީ ތުލުސްދޫގައި ހުރި ކ. އަތޮޅު އޮފީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށެވެ. ނަމަވެސް ރިޝްވާން ވިދާޅުވި ކަމަށް ވަނީ، "ކޯޓުން އަންގާތާ ފަސް މިނިޓް ތެރޭގައި ފުލުހުންގެ ބާރުގެ ދަށަށް ގެނެވިދާނެ" ކަމަށާއި ކޯޓުގެ އަމުރާ ހިލާފަށް އެކަން ކުރެވެން ނެތް ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ފަރާތުން އެއްވެސް ރަސްމީ ކޮމެންޓެއް ނުލިބެ އެވެ.
އަދި ހޯމް މިނިސްޓަރު އަފީފް ވިދާޅުވެފައި ވަނީ، "ހޯމް މިނިސްޓްރީން އޭނާ ސަސްޕެންޑެއް ނުކުރާ،" ކަމަށެވެ. އަދި ކޮމިޝަނަރަށް ގުޅުމަށް ވިދާޅުވުމަށް ފަހު އަފީފު ވަނީ ފޯން ކަނޑުއްވައިލައްވައިފަ އެވެ.