14:30


ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި ފުލުހުންނާއި އިސްލާމިސްޓް ހަނގުރާމަވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި 19 މީހުން މަރުވެ 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.


މީޑިއާއަށް މައުލޫމާތުދެމުން މޮގަދިޝޫގެ ސިއްހީ އޮފިޝަލަކު ބުނެފައި ވަނީ މަރުވެފައިވާ 19 މީހުންގެ ތެރޭން 16 މީހުންނަކީ ކުށެއްނެތް އާންމުން ކަމަށާއި އޭގެ ތެރޭން ވެސް ގިނައީ ކުޑަކުދިން ކަމަށެވެ.


މައުލޫމާތު ލިބޭ ގޮތުގައި މިކުރިމަތިލުންތައް ފެށިފައި ވަނީ ސޯމާލިއާގެ ރިޔާސީ ގަނޑުވަރު ކައިރީ ކުރިއަށްދިޔަ ސިފައިންގެ ރަސްމިއްޔާތެއްގެ ތެރެއަށް އިސްލާމިސްޓް ހަނގުރާމަވެރިން ދިން ހަމަލައަކާ ގުޅިގެންނެވެ. މަންޒަރު ދުށް މީހުން ބުނެފައިވަނީ ރައްދު ހަމަލާގައި ސިފައިން ވަރަށް ނުރައްކާތެރި ހަތިޔާރުތައް ބޭނުންކޮށްފައިވާ ކަމަށާއި އެއާ ގުޅިގެން އިތުރު ހަމަލާތަކެއް މޮގަދިޝޫގެ އެއާޕޯޓް ކައިރީވެސް ދީފައިވާ ކަމަށެވެ. އަދި ޒަޚަމްވެފައިވާ މީހުންނަށް އެހީވުމަށް ފުލުހުންނާއި އާންމުން އެއްވީ ވަގުތު ތިންވަނަ ހަމަލާއެއްވެސް ދީފައިވާ ކަމަށް އެމީހުން ބުނެ އެވެ.


ސޯމާލިއާގައި ރަގަޅު ސަރުކާރެއް ނުހިނގާތާ 19 އަހަރުވެފައިވާއިރު އެގައުމުގެ ގިނަ ހިސާބުތަކުގައި ބާރުހިންގަމުންދަނީ އިސްލާމިސްޓް ހަނގުރާމަވެރިންނެވެ.