05 Jun 2015, 16:25
ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ފަތުރުވެރީންތަކެއް ގޮވައިގެން އެއާޕޯޓަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ކުރުނބާ މޯލްޑިވްސް ފަރަށް އަރައިފި އެވެ.
ސަންއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އަދުނާން މުހައްމަދު ވިދާޅުވީ، ކުރުނބާ މޯލްޑިވްސް ފަރަށް އެ ލޯންޗު އެރިކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 9:37 ކަންހާއިރު ކަމަށެވެ.
"ރީތިރަށް ރިސޯޓުން 13 ގެސްޓުން ގޮވައިގެން 3 ފަޅުވެރީންނާއެކު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ރޭ 9:37 ކަންހާއިރު ކުރުނބާ މޯލްޑިވްސް ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ. އަދި އެ ލޯންޗުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ،" މޭޖަރ އަދުނާން ވިދާޅުވިއެވެ.

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ފަތުރުވެރީން ގޮވައިގެން އެއާޕޯޓަށް ދަތުރުކުރި ލޯންޗެއް ރޭ ކުރުނބާ މޯލްޑިވްސް ފަރަށް އަރާފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް
އަދުނާން ވިދާޅުވީ، ކުރުނބާ މޯލްޑިވްސްގެ ފަރަށް އެރި ރީތިރަށް ރިސޯޓުގެ ލޯންޗު ފުންކުރުމުގެ މަސައްކަތް މިހާރު ކޯސްޓްގާޑުން ކުރަމުން ގެންދާ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި މިނޫނަސް ކަނޑުމަތީގެ ގިނަ ހާދިސާތަކެއްވަނީ ހިނގައިފައެވެ. އެގޮތުން ކަނޑު ގަދަވެ މޫސުން ގޯސްވުމުގެ ސަބަބުން ވިލިމާލެ އާއި ހުޅުމާލޭގެ ފެރީ ދަތުރުތައް ވެސް ރޭ ވަނީ މެދުކަނޑާލާފައެވެ. އަދި ކަނޑުގަދަވުމުގެ ސަބަބުން އިއްޔެ ތިން ދޯންޏެއް އަޑިއަށް ގޮސްފައިވާއިރު ގދ. ފިޔޯރީގައި މަސްހިފަން ގޮސްއުޅުނު ދެމީހަކުވެސް އިއްޔެ ވަނީ މަރުވެފައެވެ.