05 Jun 2015, 16:04
ރޭ ދަންވަރުގެ ވަގުތެއްގައި އިންދިރާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވައްކަންކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ މެންދަމު 1:45 ކަންހާއިރު އައިޖީއެމްއެޗުގެ އެކްސްރޭ ރޫމްކައިރިން ވަދެ ކައުންޓަރުތައް ހާވައި ވައްކަންކުރަން މީހަކު އުޅޭކަން ހޮސްޕިޓަލުގެ ކޮންޓްރޯލް ރޫމުގައި ޑިއުޓީގައިތިބި ސްޕެޝަލް ކޮންސްޓެބަލަރީ ފުލުހުންނަށް ފެނިގެން ހައްޔަރުކޮށްފައި ވަނީ، 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެމީހާ ފެނުމާއެކު ވަގުތުން އެކްސްރޭ ރޫމް ކައިރިއަށް ފުލުހުން ގޮސް އެމީހާ ހައްޔަރުކުރުމަށް ފަހު ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗުން ވައްކަންކުރަން އުޅެނިކޮށް ރޭ ދަންވަރު ހައްޔަރުކުރި މީހާއަކީ މީގެކުރިން ސާޅީހަށްވުރެ ގިނަފަހަރު މަގުމަތީން ހުއްޓުވައި ބަލައި ފާސްކޮށް 26 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 17 ފަހަރު ފުލުހުންގެ ބަންދުގައި ބަހައްޓައި އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު 4 މައްސަލައެއް ތަހުގީގުކޮށް ދަޢުވާކުރަން ފޮނުވައި އޭގެތެރެއިން އެއް މައްސަލައިގައި ދައުވާކޮށް ހުކުމް ކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އެ މީހާ އަކީ ގަވައިދާ ހިލާފަށް ގޯތިގެދޮރަށް ވަދެއުޅުމާއި، ގަސްތުގައި މީހުންގެ މުދަލަށް ގެއްލުން ދިނުމާއި މަސްތުވާތަކެތި ބޭނުން ކުރުމާއި ތޫނު ހަތިޔާރު ގެންގުޅުމާއި ގުރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި ވައްކަމުގެ ގިނަ މައްސަލަތަކާއި މީހަކަށް މަރުގެ އިންޒާރު ދިނުމުގެ ކުށުގެ ރެކޯޑް އޮތް މީހެއްކަމަށްވެސް ފުލުހުން ބުންޏެވެ.