05 Jun 2015, 15:49
ދުނިޔޭގެ އާބާދީ ބޮޑުވަމުން އަންނަ ނިސްބަތަށާއި ކޮންސަމްޕްޝަން ( ތަކެތި ބޭނުންކުރާ މިންވަރު) މިހާރު ހުރި މިންގަނޑުގައި ހުރެއްޖެނަމަ 2050 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔެ އާއި އެއްވަރުގެ ތިން ޕްލެނެޓް ބޭނުންވާނެ ކަަމަށް އދ.ގެ ތިމާވެށްޓާ ބެހޭ ޖަމިއްޔާ ޔޫއެންއިޕީ އިން ބުނެފި އެވެ.
ޔޫއެންއީޕީން ލަފާކުރާ ގޮތުގައި 2050 ވަނަ އަހަރާއި ހަަމައަށް ދުނިޔޭގެ އާބާދީ 9.6 ބިލިއަނަށް އަރާނެ އެވެ.
އާބާދީ އިތުރުވުމާއި އިގްތިސާދީ ތަރައްގީގެ ސަބަބުން ގުދުރަތީ ވަސީލަތްތައް މަދުވެ އިޔާދަނުކުރެވޭނެ ވަރުގެ ގެއްލުންތަކެއް ދިމާވެދާނެ ކަަމަށް ވެސް ޔޫއެންއީޕީން ވަނީ ބުނެފައެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހަކީ ތިމާވެށްޓާއި ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް ތިމާވެށި ހިމާޔަތްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އދ.ން ފާހަގަކުރާ ދުވަހެކެވެ. މިހާރު މިދުވަސް ދަނީ ދުނިޔޭގެ 100 ގައުމެއްގައި ފާހަގަކުރަމުންނެވެ. މި ދުވަހުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ވަކިވަކި ފަރުދުންނަށް ތިމާވެށި ހިމާޔަތްކުުރުމަށް ކުރެވޭނީ ކޮންކަމެއްތޯ ބަލައި އެފަދަ ކަންކަން ކުރުމަށް ހިތްވަރު ދިނުމެވެ.
މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ "ސެވަން ބިލިޔަން ޑްރީމްސް. ވަން ޕްލެނެޓް. ކޮންސިއުމް ވިތު ކެއާ" އެވެ.
ދުނިޔޭގައި ހަތް ބިލިއަން މީހުން ދިރިއުޅޭއިރު އެ އެންމެނަށް ބޭނުންވާ ހުރިހާ ކަމެއްކޮށް ގުދުރަތީ ވަސީލަތްތަކަށް ނުވިސްނާކަމަށްވަންޏާ އެ ވަސީލަތްތައް ހުސްވެގެދިއުމަކީ އެކަށީގެންވާ ކަަމެއް ކަަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. އެހެންކަމުން މުދަލާއި ހިދުމަތް ބޭނުންކުރުމުގާޢީ ވިސްނުންތެރިކަމާއި އެކު ބޭނުންކުރުމަކީ މޫހިއްމުކަމެއް ކަމަށް ޔޫއެންއީޕީ އިން ބުނެއެވެ.
"ދުނިޔެއަށް ދެމެހެއްޓެނިވި ގޮތެއްގާޢީ ނުއުފެއްދޭ ވަރަށް މީހުންގެ ކޮންސަމްޕްޝަން ދަނީ އިތުރުވަމުން،" ޔޫއެންއީޕީ އިން ބުންޏެވެ.
ތިމާވެށީގެ ދުވަހާއި ގުޅިގެން ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިގު އިބްރާހިމް ދެއްވި ޚިތާބުގާ ވިދާޅުވެފައި ވަނީ، އާބާދީގެ އެންމެހައި ފަރުދުންގެ އުއްމީދުތަކާއި ބޭނުންތައް ހަމަހަމަ ކަމާއެކު ފުރިހަމަކުރެވެން އަންނަނީ، ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކޮށްގެންކަމަށެވެ.