05 Jun 2015, 15:28
ރާއްޖެއާއި އިންޑިއާއަކީ ސަރަހައްދީ ފުޓްބޯޅައިގައި ވާދަވެރި ދެ ގައުމެވެ. މި ދެގައުމުގެ ފުޓްބޯޅައިގެ ކުރިމަތިލުންތަކުގެ މޮޅުވުމުގެ ރެކޯޑް އޮތީ އިންޑިއާ އަތުގައެވެ. ޒަމާނުންސުރެ ފުޓްބޯޅައިގައި ދެ ގައުމުގެ ދެމެދު އޮތް ވާދަވެރިކަން ފެށިގެން އަންނަނީ ރާއްޖޭގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނާ އިންޑިއާގެ ފުޓްބޯޅަ ކުޅުންތެރިންގެ ކުރިމަތިލުންތަކުގެ ހިސާބުންނެވެ.
އިންޑިއާ އާ ދެކޮޅަށް އޭރު ކުޅުނު ކޮންމެ ދިވެހި ކުޅުންތެރިޔަކީ މިއަދު ދިވެހި ފުޓްބޯޅައިގެ ލެޖެންޑެކެވެ. މާޒީގައި އިންޑިއާއާ ދެކޮޅަށް ކުޅުނު ކޮންމެ މެޗަކީ ފުޓްބޯޅައިގެ ފޯރީގައި ދިވެހިން ކަށީގައި ލޭ ކައްކުވާލި މެޗުތަކެވެ. ދެގައުމު ދެމެދުގައި އޮތް ވާދަވެރިކަން ކުރީގެ ކުޅުންތެރިންނާ ގުޅިފައިވާއިރު އެ އިހްސާސްތައް ތަޖުރިބާ ކޮށްލުމަށް މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ރާއްޖޭގެ ކުރީގެ ކުޅުންތެރިން އިންޑިއާގެ ކުރީގެ ކުޅުންތެރިންނާ ދެކޮޅަށް ނުކުންނަ މެޗަކީ ވަރަށް މުހިއްމު އަދި ހަމަ އެހާމެ ތާރީޚީ މެޗަކަށް ވެގެންދާނެ އެވެ.
އިންޑިޕެންޑެންސް ގޯލްޑަން ޖުބުލީ ގްލޯބަލް ވެޓެރަންސް ފުޓްބޯލް މުބާރާތުގެ ސެމީފައިނަލްގައި ވާދަވެރި އިންޑިއާއާ ދެކޮޅަށް މިއަދު ހަވީރު 4:30 ގައި ނިކުންނައިރު ރައްޖޭގެ ކުޅުންތެރިން އެދެނީ އިންޑިއާ ބަލިކުރުމަށްޓަކައި ދިވެހި ސަޕޯޓަރުންގެ އެހީތެރި ކަމަށެވެ. އިންޑިއާ އާ ދެކޮޅަށް ނިކުންނައިރު މާޒީގައި ފެނުނު އިހްސާސްތައް ދަނޑު ފެނިގެން ދިއުމަށެވެ. ޒަމާންވީ ވާދަވެރިޔާ ބަލިކޮށް މުބާރަތުގެ ފައިނަލަށް ދަތުރު ކުރުމަށްޓަކައި ސަޕޯޓަރުން ޓީމްގެ ފަހަތުގައި ތިބުމެވެ.
ރާއްޖޭގެ ޓީމްގެ އެންމެ ކުރީގައި، މުހިންމު ދައުރެއް އަދާކުރަމުންދާ ދިވެހި ފުޓްބޯޅަ ލެޖެންޑް އަދި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހް އިސްމާޢީލް (ސާޔާ) ސަން އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، ރާއްޖެއާ އިންޑިއާގެ ކުރިމަތިލުންތަކަކީ ފޯރިގަދަ، ވާދަވެރި ކުރިމަތިލުންތަކެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލަށް ދިއުމަށް ދިވެހި ސަޕޯޓަރުންގެ ތާއީދާއި ސަޕޯޓް އިންތިހާއަށް ބޭނުންވާ ކަމަށް ސާޔާ ވިދާޅުވި އެވެ.
"ޓެކްނިކަލް ފުޓުބޯޅަ މުބާރަތެއްގައި ރާއްޖެއަށް އިންޑިއާ އަތުން މޮޅުވެވިފައިވަނީ އެންމެ ދެ ފަހަރު. އެހެންކަމުން މިމުބާރާތުގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުމަށްޓަކައި ދިވެހި ސަޕޯޓަރުންގެ އެހީ އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވާނެ،" ޝާހް ވިދާޅުވި އެވެ.
މިއަދު ރާއްޖެއާ އިންޑިއާ ބައްދަލު ކުރާއިރު މީގެ ކުރިން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މިދެގައުމު ވަނީ 14 ފަހަރު ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން އިންޑިއާ ވަނީ 10 ފަހަރު މޮޅުވެފައެވެ. ދެ މެޗް އެއްވަރުވެގެން ނިމިފައިވާއިރު ރާއްޖެ މޮޅުވީ އެންމެ ދެ މެޗުންނެވެ. އެހެންކަމުން މިއަދުގެ މެޗަކީ ރާއްޖެއަށް ވަރަށް ހާއްސަ މެޗެކެވެ.
މީގެ ކުރިން ރާއްޖެއަށް އަމިއްލަ ދަނޑުގައި އިންޑިއާ ބަލި ކުރެވިފައިވަނީ މީގެ 15 އަހަރު ކުރިން ރައްޖޭގެ ފުޓްބޯޅައަށް 50 އަހަރު ފުރުމުގެ ގޮތުން ބޭއްވި ގޯލްޑަން ޖުބުލީ ފުޓްބޯޅަ މުބާރާތުގައެވެ. 1-0 ގެ ނަތީޖާއަކުން އެމެޗުން ރާއްޖެ މޮޅުވިއިރު އެމެޗްގައި ރައްޖޭގެ ގައުމީ ޖޯޒީ ލައިގެން ނިކުތް ބައެއް ކުޅުންތެރިން މިއަދުގެ މެޗުންވެސް ފެނިގެންދާނެއެވެ. އެމެޗުން އިންޑިއާ އަތުން ރާއްޖެ މޮޅުވިއިރު އެކަމާ އުފަލުން ދިވެހި އެތައް ސަޕޯޓަރުންގެ ލޮލުން ކަރުނަ ފާއްދާލި އެވެ.
އޭގެ 15 އަހަރު ފަހުން މިއަދު އެ ކުޅުންތެރީން އިންޑިއާ އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނިކުންނައިރު ދިވެހި ކުޅުންތެރިންގެ އަމާޒަކީ އިންޑިއާ ބަލިކޮށް މުބާރާތުގެ ފައިނަލަށް ދަތުރު ކުރުމެވެ.
އެކަމަށް އެ ކުޅުންތެރީން ބޭނުން ވަނީ، ދިވެހި ސަޕޯޓަރުންގެ ސަޕޯޓެވެ. މިއަދު ހަވީރު 4:30 ގައި ގަލޮޅު ދަނޑުގައި އިންޑިއާއާ ދެކޮޅަށް ދިވެހި ކުރީގެ ކުޅުންތެރީން ނިކުންނައިރު ދިވެހި 12 ވަނަ ކުޅުންތެރިޔާގެ އެހީތެރިކަމެވެ.
ސާޔާ ވިދާޅުވީ، "އޭރުގެ ކުޅުންތެރިން ނުފެނުނު މިއަދުގެ ޒުވާނުންނަށް ވެސް މިއީ ރަނގަޅު ފުރުސަތެއް" ކަމަށެވެ.
މިއީ "ކުރީގެ ކުޅުންތެރިންގެ ޑިސިޕްލިންއާ ދަނޑުމަތީގައި އަދާކުރި ގައުމީ ޒިންމާ ދެކިލުމަށް އަދުގެ ކުޅުންތެރީންނާއި ޒުވާނުންނަށް ވެސް ރަނުގެ ފުރުސަތެއް" ކަމަށް ރާއްޖޭގެ ކުރީގެ އެއްވަނަ ކުޅުންތެރިޔާ ސާޔާ ވިދާޅުވި އެވެ.