ދިމިޝްގު (ޖޫން 5) : އައިއެސްގެ ހަނގުރާމަވެރިން ސޫރިޔާގެ އިރުއުތުރުގެ ހަސަކާ އާ ހަމައަށް ވާސިލް ވުމާއެކު އައިއެސްގެ ނުރައްކަލާމެދު އެސަރަހައްދުގެ ގައުމުތައް އިތުރަށް ކަންބޮޑުވާން ފަށައިފި އެވެ.

ސޫރިޔާއިން ލިބޭ ޚަބަރުތައް ބުނާގޮތުން އެ ގައުމުގެ އިރުއުތުރުގެ ސިޓީއެއްކަމަށްވާ ހަސަކާގައިވާ ސޫރިޔާ ސިފައިންގެ ޗެކްޕޮއިންޓްތަކަށް އައިއެސްގެ ހަނގުރާމަވެރިން ކާރުބޮމުގެ ވަރުގަދަ ޙަމަލާތައް ދެމުންގެންދާތާވަނީ ހަފްތާއެއްވެފައެވެ. މިޙަމަލާތަކާއެކު ހަސަކާއަށް އަރައިގަތުމަށް މަސައްކަތްކުރާ އައިއެސްގެ ލަޝްކަރުތައްވަނީ ހަސަކާއަށް ވަންނަ މައި ޗެކްޕޮއިންޓްތަކާ އެންމެ ދޮޅު ކޮލޯމީޓަރު ދުރުގައެވެ. އައިއެސް ގެ ކާރުބޮމުގެ ހަމަލާތަކުގައި ސޫރިޔާ ސިފައިންގެ އެތަށް ބަޔަކު މަރުވެ އައިއެސްގެ އަތްދަށަށް ހަސަކާ ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ މިދަނޑިވަޅުގައި އެރަށުގެ ޙާލަތުވަނީ ނޭނގުމެއްގެ ތެރޭގައެވެ.

ހަސަކާގައި ހުންނަވާ ސޫރިޔާ ސަރުކާރުގެ ގަވަރުނަރު ވިދާޅުވީ، ސޫރިޔާ ސިފައިން އައިއެސްއަށް ދިން ވައިގެ ޙަމަލާތަކާއެކު އެޖަމާއަތުގެ ހަނގުރާމަވެރިން މިހާރު ވަނީ ހަސަކާއާ އެތަށް ކިލޯމީޓަރެއް ދުރަށް ޖައްސާލެވިފައި ކަމަށެވެ. އަދި އެމީހުންގެ އަތްދަށަށް ހަސަކާގެ އެއްވެސް ސަރަހައްދެއް އަދި ނުދާކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ހަނގުރާމައިގެ ސަބަބުން ޙަސަކާއިން ވަނީ ފެނާއި ކަރަންޓް އަދި ފޯނާއި އިންޓަނެޓްގެ ގުޅުންތައް މުޅިން ކެނޑިފައެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ކަންތައްތައް އެންމެ ގާތުން ބަލައި މޮނިޓަރ ކުރަމުން ގެންދާ ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް ޖަމާއަތުން ބުނީ ކޮންމެ ވަގުތެއްގައިވެސް ހަސަކާ، އައިއެސްގެ އަތްދަށަށް ހިނގައިދާނެ ކަމުގައެވެ. އަދި އައިއެސްއިން ހިންގަފާނެ ގަތުލުއާންމުތަކަކަށް ބިރުން އެރަށުގެ އާންމުން ކުޑަކުދިންނާއެކު ހުސްއަތާ އެރަށުން ނުކުންނަމުންދާ ކަމުގައެވެ.

ސޫރިޔާގެ ސިފައިންގެ އަސްކަރީ ބަޔާނެއް ބުނާގޮތުން އެގައުމުގެ ވައިގެ ސިފައިން މިހާރު ގެންދަނީ ހަސަކާގެ ވަށައިގެންވާ އައިއެސްގެ ހަނގުރާމަވެރިންގެ މަގާމުތަކަށް ވައިގެ މަގުން ޙަމަލާތައް ދެމުންނެވެ. މިޙަމަލާތަކުގައި އައިއެސްގެ 26 ހަނގުރާމަވެރިން މަރާލެވިއްޖެ ކަމަށްވެސް ސޫރިޔާ ސިފައިންގެ ބަޔާން ބުނެއެވެ.

ސޫރިޔާ ސިފައިންގެ މައްޗަށްވަނީ ގޮވާތަކެތި އަޅާފައިވާ ފީފާތައް ބޭނުންކޮށްގެން އާންމުންނަށް ހަމަލާދޭކަމުގެ ތުހުމަތު ކުރެވިފައެވެ. ނަމަވެސް ސޫރިޔާ ސިފައިން މިކަން ދޮގުކުރެއެވެ.

ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ޙާލަތަށް މިފަހަކަށް އައިސްދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. މިގޮތުން ސޫރިޔާގެ މުޅި ބިމުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ވަނީ އައިއެސް ޖަމާއަތުން ހިފާފައެވެ. އަދި ސޫރިޔާގެ ގިނަ ސަރަހައްދުތަކެއް ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރަށް ވަނީ ގެއްލިގެން ގޮސްފައެވެ. މިއާއެކު ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ މަލަމަތި މުޅިން ބަދަލުވެ މިހަނގުރާމައިގާ ސޫރިޔާ ސަރުކާރު ބަލިވެދާނެކަމުގެ ނިޝާންތައްވަނީ ފެންނަން ފަށާފައެވެ.

އަނެއްކޮޅުން ސޫރިޔާގެ އަވަށްޓެރި އިރާގަށް ބަލާއިރުވެސް އިރާގުގެ ރަމާދީއާއި އިތުރު އެހެން ބައެއް ސަރަހައްދުތައް ދާދިފަހުން އައިއެސް އިން ހިފުމާގުޅިގެން އެޖަމާއަތުގެ ނުރައްކާވަނީ އިންތިހާއަށް އިތުރުވެގެން ގޮސްފައެވެ. ނަމަވެސް އީރާނާއި ރަޝިޔާ ފަދަ ގައުމުތައް ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރަށް އަސްކަރީގޮތުން އެހީތެރިވަމުން ގެންދަނިކޮށް ސޫރިޔާގެ ވެރިރަށް ދިމިޝްގު އައިއެސްގެ އަތްދަށަށްގޮސް ސޫރިޔާގެ ވެރިކަމުގެ ނިޒާމް ވެއްޓިގެން ދިޔުމަކީ ދުރުކަމެއްކަމަށް މުރާސިލުން ބުނެއެވެ. (ނޫސްއެޖެންސީތައް)