05 Jun 2015, 14:24
މިމަހުގެ ތެރޭގައި އެތައް ހާސް ދަރިވަރުންނެއް ޖީސީއެސްއީ އަދި އޭލެވެލް އިމްތިހާނު ހަދަމުންދާއިރު، އިމްތިހާން ހަދާ ހޯލް މޮނީޓަރުކޮށް މަކަރު ހަދާ ދަރިވަރުން ހޯދުމަށް އިމްތިހާނުގެ އިންވިޖިލޭޓަރުން ތިބޭނީ ވަރަށް ހުށިޔާރު ވެގެންނެވެ. އެކަމަށް އެތައް ބައިވަރު މީހުންނެއްވެސް ބޭނުންވެ އެވެ. ނަމަވެސް ޗައިނާގައި އެކަމަށް ބިރެއް ނެތެވެ.
ޗައިނާގެ އެންމެ އުދަނގޫ އަދި އެންމެ ބޮޑު އިމްތިހާނުގައި މަކަރު ހަދާ ދަރިވަރުން ހޯދުމަށާއި އިމްތިހާން ބާއްވާ ހޯލް ތެރެ ޕެޓްރޯލް ކުރުމަށް ބޭނުންކުރަމުންދަނީ ޒަމާނީ، ޑްރޯން ތަކެކެވެ.
ޔުނިވާސިޓީއަށް ވަނުމުގެ ފެންވަރު ހުރި ދަރިވަރުން ބެލުމަށް ކޮންމެ އަހަރަކު ޗައިނާގައި ބާއްވާ ދަ ނެޝަނަލް ހަޔާ އެޑިއުކޭޝަން އެންޓަރޭންސް އެގްޒާމް ނުވަތަ "ގާއޯކާއޯ" ގައި ބޭނުންކުރާ އެ ޑްރޯންތައް ހަރަކާތްކުރަނީ ޓެބްލެޓަކުންނެވެ. ރޭޑިއޯ ސިގްނަލްތައް ދެނެގަތުމުގެ ގާބިލްކަން ހުންނަ އެ ޑްރޯންތަކުން، ރޭޑިއޯ ސިގްނަލެއް ހޯދުނު ސީދާ ދިމާ އެ ޑްރޯން ކޮންޓްރޯލްކުރާ ޓެބްލަޓަށް ފޮނުވައިދެ އެވެ.
ޗައިނާގެ އެންމެ މުހިއްމު އިމްތިހާނުގައި ޑްރޯން ބޭނުންކުރަން ފަށާފައި މިވަނީ، މިދިޔަ އަހަރު އެ އިމްތިހާނުގައި މަކަރު ހެދުމަށް ބައެއް ދަރިވަރުން ބޭނުންކުރި ޓެކްނޮލޮޖީ އާލާތްތަކެއްގެ ސަބަބުންނެވެ.
އެގޮތުން، އިމްތިހާނު ކަރުދާހުގައި ވާ ސުވާލުތައް ފޮޓޯ ނެގުމަށްފަހު އިމްތިހާން ހޯލުން ބޭރުގައި ހުންނަ މީހަކަށް ފޮނުވައިގެން އިއާޕީސް އެއް މެދުވެރިކޮށް ޖަވާބު ލިބޭ އާލާތްތަކެއް ވެސް ޗައިނާގެ އޮތޯރިޓީތަކުން މިދިޔަ އަހަރު އަތުލައިގެންފައި ވެއެވެ.
އިމްތިހާން ހޯލުގެ 500 މީޓަރު މަތިން އުދުހޭ އެ ޑްރޯންއަށް ވައިގެ ތެރޭގައި ހަރަކާތްތެރިވެވޭނީ ބައި ގަޑިއިރު ވަންދެންނެވެ. އަދި އެ ޑްރޯން އަކީ 360 ޑިގްރީ ނުވަތަ ވަށައިގެންވާ ސަރަހައްދު ސްކޭން ކޮށްލުމުގެ ގާބިލްކަން ލިބިފައިވާ އެއްޗެކެވެ.
ޗައިނާގެ މެދުތެރޭގައި އޮންނަ ހުނާން ޕްރޮވިންސްގެ ހުޅަނގަށް އޮންނަ ލުއާއޯޔަންގް ސިޓީގައި ބާއްވާ ދެ ދުވަހުގެ އެ އިމްތިހާނުގައި ކޮންމެ އަހަރަކު ވެސް ޔުނިވާސިޓީތަކުން ހުސްވާ 6.5 މިލިއަން ޖާގައަށް، ނުވަ މިލިއަން ދަރިވަރުން ވާދަކުރެއެވެ.