01 Mar 2011, 16:53
އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ވީބީ ކުޅުނު ފުރަތަމަ މެޗު 1 ލަނޑުން އެއްވަރުވެއްޖެ އެވެ.
އިންޑޮނޭޝިއާގެ ޗެމްޕިއަން ސްރީވިޖަޔާ އާއި ދެކޮޅަށް މިއަދު މާލޭ ގަޑިން 1:30 ގައި ފެށި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ވީބީންނެވެ. އެޓީމަށް ލަނޑު ޖަހާދިނީ އައްސަދު އަލީ އެވެ. އޭގެ ކުރިންވެސް އައްސަދަށް ވަރަށް ހުސް ފުރުސަތެއް ލިބި ފައިގައި ބޯޅަ ލައްވާނުލުމުން ވަނީ ބޭކާރުވެފައެވެ.
ނަމަވެސް ލަނޑަށްފަހު ވީބީގެ ކުޅުން ދަށްވެ ސްރީވިޖަޔާ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. ސްރީވިޖަޔާގެ ކުޅުންތެރިން އުފެއްދި ނުރައްކާތެރި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ވީބީގެ ކީޕަރ އިމްރާން މުހައްމަދެވެ.
ވީބީ ކޮޅަށް ވަން ގޯލަކީ ސްރީވިޖަޔާގެ ކުޅުންތެރިއަކު ހުރަސްކުރި ބޯޅައެއް ވީބީގެ ޑިފެންޑަރ ޑަގަލްސްގެ ފައިގައި ޖެހިފައި ވަން ބައިގޯލެކެވެ.
މެޗު ނިމެން ދަނިކޮށް ވީބީގެ ސަމްވީލު ގާސިމް(ބޮންޑާ)އަށް ނަތީޖާ އަނބުރާލަން ރަނުގެ ފުރުސަތެއް ލިބުނެވެ. އިސްމާއީލް މުހައްމަދުގެ ހުރަސް ބޮންޑާ ފޮނުވާލުމުން ބޭރަަށް ދިޔައީ ދަނޑީގައި ޖެހިފައެވެ.
މިމެޗުގައި ސްރީވިޖަޔާގެ އޭރިޔާ ތެރެއިން ބޮންޑާ އާއި އިއްސޭ ވައްޓާލުމުންވެސް ރެފްރީ ޕެނަލްޓީ ނުދިންކަން ފާހަގަ ކުރެވެ އެވެ.
މިމެޗުގައި ވީބީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އަނިޔާގެ ސަބަބުން ފާއިތުވެދިޔަ ސީޒަންގައި ނުކުޅެހުރި އަބްދުﷲ ހަނީފު(ބެންޖޯ) އެވެ.
ވީބީ މިއަދު ކުޅުނުއިރު ރާއްޖޭގެ ވިކްޓަރީ މާދަމާ ނުކުންނާނީ އިންޑޮނޭޝިއާގެ ޓެމްޕައިންސް އާއި ދެކޮޅަށެވެ. މިމެޗު އޮންނާނީ މާލޭގައެވެ.