05 Jun 2015, 12:27
އިންޑިޕެންޑެންސް ގޯލްޑަން ޖުބުލީ ގްލޯބަލް ވެޓެރަންސް ފުޓްބޯލް މުބާރާތުގެ ގުރޫޕް އޭ ގައި ކުޅުނު ތިން ވަނަ މެޗްގައި އިންޑޮނޭޝިއާ އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސިންގަޕޫރު މޮޅުވުމުން ގުރޫޕް އޭ އިން ސިންގަޕުރާއި ރާއްޖެ ސެމީފައިނަލަށް ހިނގައްޖެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހެނދުނު ކުޅުނު ދެ ވަނަ މެޗްގައި ސިންގަޕޫރުގެ ޒުރައިދީ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ.
ދެ ވަނަ ހާފުގެ ގަދަ ހޫނުގައި ކުޅެން ޖެހުމުގެ ސަބަބުން އިންޑޮނޭޝިއާއަށް ރަނގަޅަށް ނުކުޅެވުނު އިރު ސިންގަޕޫރުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ސިންގަޕޫރުން ކާމިޔަބު ކުރި ހަ ލަނޑުގެ ތެރެއިން ފަސް ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފުގައެވެ.
ސިންގަޕޫރުގެ ފުރަތަމަ ލަނޑާއި ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ޖުމަރީ ބިން ސެއިމަންއެވެ. އެގޮތުން ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓްގައި ކާމިޔާބު ކުރިއިރު ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓް ތެރޭގައެވެ.
އޭގެ ހަތަރު މިނެޓް ފަހުން ދެ ވަނަ ހާފުގެ ފަސް ވަނަ މިނެޓްގައި ވެރަސާމީ ވަނީ ސިންގަޕޫރުގެ ތިން ވަނަ ލަނޑު ކާމިޔަބުކޮށްފައެވެ.
ސިނގަޕޫރުގެ އެންމެ ފަހު ތިން ލަނޑު ކާމިޔަބުކުރީ ޒުރައިދީއެވެ. އެގޮތުން އެޓީމުގެ ހަތަރު ވަނަ ލަނޑު އޭނާ ކަމިޔާބު ކުރީ ދެ ވަނަ ހާފުގެ 11 ވަނަ މިނެޓްގައެވެ.
އޭގެ ހަތަރު މިނެޓް ފަހުން ދެ ވަނަ ހާފުގެ 14 ވަނަ މިނެޓްގައި ޒުރައިދީ ވަނީ އެޓީމަށް ފަސް ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ސިންގަޕޫރުގެ ހަ ވަނަ ލަނޑު ޒުރައިދީ ކަމިޔާބު ކުރީ ދެ ވަނަ ހާފުގެ އެން މެ ފަހު މިނެޓް ތެރޭގައެވެ.
މިނަތީޖާއިން ސިންގަޕޫރު މޮޅުވުމުން ގުރޫޕް އޭ ގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީއަށް ދިޔައިރު ގުރޫޕްގެ ދެ ވަނަ ޓީމްގެ ގޮތުގައި ރާއްޖެ ސެމީއަށް ދިޔައީ ގުރޫޕް ސްޓޭޖް ކުޅެ ނިމުނު އިރު ކޮންމެ ޓީމަކަށްވެސް ތިން ޕޮއިންޓް ލިބި، ޖެހި ލަނޑުގެ ތަފާތުން ރާއްޖެއަށް ދެ ވަނަ ލިބޭތީއެވެ. ރާއްޖެ ގުރޫޕް ސްޓޭޖްގައި ދެ ލަނޑު ޖަހާފައިވާއިރު ގުރޫޕް ސްޓޭޖުން ކެޓި އިންޑޮނޭޝިއާއަށް ޖެހިފައިވަނީ އެންމެ ލަނޑެކެވެ.
ރާއްޖެ ކުޅޭ ސެމީފައިނަލް މެޗުގައި މިއަދު ހަވީރު ނިކުންނާނީ ގުރޫޕް ބީ އިން އެއް ވަނައަށް ދިޔަ ޓީމް އިންޑިއާ ދެކޮޅަށެވެ.
ސިންގަޕޫރު ސެމީފައިނަލް މެޗްގައި މިރޭ ބައްދަލުކުރާނީ ގުރޫޕް ބީ އިން ދެ ވަނައަށް ދިޔަ ބުރުނާއީ ޓީމާ ދެކޮޅަށެވެ.
ބުރުނާއީ ސެމީފައިނަލަށް ދިޔައީ މިއަދު ހެނދުނު ކުޅުނު ފުރަތަމަ މެޗް 1-0 ގެ ނަތީޖާއަކުން މެލޭޝިއާ އަތުން މޮޅުވެ، ޕޮއިންޓުގެ ތަފަތުންނެވެ.
ފައިނަލް މެޗް އޮންނާނީ މާދަމާ ހަވީރު 4:30 ގައެވެ.