ތަރައްގީއާއި ތިމާވެށްޓަކީ އެކުއެކީގައި ކުރެވޭނެ އަދި އެކަތިއަނެކަތި ބާރުވެރިކުރުވާނެ ދެކަން ކަމަށް ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ބެހޭގޮތުން މިނިސްޓަރު ޠާރިގު ދެއްވި ޚިތާބުގައި ވިދާޅުވީ، ތަރައްގީ އާއި އެކު އިންސާނާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އަންނާނެ ކަމަށާއި އެހެން ނަމަވެސް އެ ބަދަލުތަކަކީ ތިމާވެށްޓަށް ގެއްލުންދޭ، އަދި އޭގެ ސަބަބުން ދިގު މުއްދަތަކަށް އިންސާނާ އާއި ދިރޭތަކެތީގެ ނަސްލުތަކަށް ނޭދެވޭ އަސަރު ފޯރާ ބަދަލަށް ވާކަން ނުޖެހޭނެކަަމަށެވެ.

" އަޅުގަނޑުމެންގެ ކާބަފައިން ވަނީ މިރާއްޖޭގެ ރަށްތައް އޭގެ ގުދުރަތީ ފުރިހަމަކަމުގައި މިއަދުގެ ޖީލަށް ފޯރުވައިދީފައެވެ. މިލޮބުވެތި ވަޠަނުގެ އިގްތިސާދުގެ ތަނބުތައް ކޮޅަށް ޖަހައި، ދުނިޔެއަށް ރާއްޖެ ހުޅުވާލެވިގެން ގޮސް ލިބިފައިވާ އިގްތިސާދީ ކުރިއެރުންތައް ވެސް ބިނާވެފައި މިއަދު މިވަނީ އަޅުގަނޑުމެންގެ ކާބަފައިން މިގައުމުގެ ގުދުރަތީ ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުންކޮށް މިއަދުގެ ދަރިންނާ ހަވާލުކޮށްފައި ވާތީއެވެ." ޠާރިގު ޚިތާބުގައި ވިދާޅުވިއެވެ.

އަދި އެ އަމާނާތް އޭގެ ގުދުރަތީ ފުރިހަމަ ކަމުގައި 'އަޅުގަނޑުމެންގެ ދަރިންނާއި ކާފަދަރިންނަށް' އަމާނާތެއްގެ ގޮތުގައި ވާރުތަ ކުރުމަށްޓަކައި ކުރަންޖެހިފައިވާ ބުރަ އަދި ބަރު މަސައްކަތުގައި ދިވެހި އެންމެހާ އަފުރާދުން ވެސް އެއްބާރުލުން އޭގެ އެންމެ ފުންމިނަށް ދޭންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދުގައި އޭގެ މައްޗަށް ބިނާވެފައިވާ އެއްޗަކީ ތިމާވެށި ކަަމަށް ވިދާޅުވެ ޠާރިގު ވިދާޅުވީ މަސްވެރިކަމާއި ފަތުރުވެރިކަމަކީ ތިމާވެށީގެ މައްޗަށް ބަރޯސާވާ ދެ ސިނާއަތް ކަަމަށެވެ.

ރާއްޖެއަކީ ނާޒުކު ތިމާވެށްޓެއްގެ މައްޗަށް އެކުލެވިފާވާ ގައުމަކަށް ވުމުން ދިވެހިން ތިމާވެށި ހިމާޔަތްކުރުމަށް ވަކިން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވެފަވާ ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަމަކީ 'އަޅުގަނޑުމެންގެ އަމަލުތަކާއި' ގުޅިފައިވާ ކަންކަންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" އަޅުގަނޑުމެން އުފައްދާ ކުނީގެ އަދަދު މިވަނީ ގިނަވެފައެވެ. އަޅުގަނޑުމެން ހަކަތަ ބޭނުންކުރާ މިންވަރާއި އެއަށް ކުރާ ހޭދަ މިވަނީ އިތުރުވެފައެވެ. އުޅަނދުފަހަރު ދަނީގިނަވަމުންނެވެ. އަދި އެކަމާ ގުޅިގެން ވައިގެ ތަޣައްޔަރުވުން ވެސް ވަނީ އިތުރުވެފައެވެ" ޚިތާބުގައި ވެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ "ސެވަން ބިލިޔަން ޑްރީމްސް. ވަން ޕްލެނެޓް. ކޮންސިއުމް ވިތު ކެޔަރ" އެވެ.

މި ޝިއާރާ ބެހޭގޮތުން ޠާރިގް ވިދާޅުވީ، ދުނިޔޭގެ އާބާދީގެ އެންމެހައި ފަރުދުންގެ އުއްމީދުތަކާއި ބޭނުންތައް ހަމަހަމަ ކަމާއެކު ފުރިހަމަކުރެވެން އަންނަނީ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކޮށްގެންކަމަށެވެ.

ތަރައްޤީއާއި ތަމައްދުން ގުޅިފައިވަނީ ދެމެހެއްޓެނެވި ތަރައްޤީގެ އަސާސްތަކަށް ސިޔާސަތުތަކާއި އެއްގޮތަށް އާއްމު ދިރިއުޅުމުގެ އެންމެހައި ކަންކަން ބައްޓަންކޮށްގެން ކަމަށް ޠާރިގު ވިދާޅުވި އެވެ.

ދުނިޔޭގެ ނިޒާމްތައް އެކަށަ އަޅުއްވާފައި ވަނީ އެއް ނިޒާމް އަނެއް ނިޒާމާއި، އެއް ދިރުން އަނެއް ދިރުމާ ގުޅި ލާމެހިގެން ކަމަށާއި އެހެންކަމުން މިއިން އެއްވެސް ދިރުމެއް ނެތިދިޔުމަކީ ނުވަތަ އެތަކެތީގެ މާޙައުލަށް ލިބޭ ކޮންމެ ގެއްލުމަކީ އޭގެ ނޭދެވޭ އަސަރު އިންސާނުންނަށް ކުރާނެ ކަމެއްކަމަށް ޠާރިގު ވިދާޅުވި އެވެ.