މުރަކަ އިންދުމަށް މިހާތަނަށް ރާއްޖޭގައި ބާއްވާ އެއްމެ ބޮޑު ހަރަކާތް، މޫސުން ތަންނުދޭތީ މާދަމާ ފަސްކޮށްފާވާ ކަަމަށް މި ހަރަކާތް އިންތިޒާމްކުރާ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

'ސަން' އާ ވާހަކަ ދައްކަމުން އެ އޮފިޝަލު ވިދާޅުވީ އެ ހަރަކާތް ދެން އޮންނާނީ މާދަމާ ކަަމަށެވެ.

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ ހަރަކާތް މާދަމައަށް ފަސްކުރީ ކަމަށް އޭނާ ވިދާޅުވިއެވެ. މިހަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ވިލިމާލޭ ގޮނޑުދޮށުގައި ޖަހާފައިހުރި ޓެންޓުތައްވެސް ވަނީ ރޭގެ ވިއްސާރައިގައި ހަލާކުވެފައެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ސޭވް ދަ ބީޗް މޯލްޑިވްސް" އިން އިންތިޒާމު ކުރާ "ވަން ނޭޝަން ކޮރަލް ރިވައިވަލް" ނަމުގައި ކުރިއަށް ގެންދާ އެ ހަރަކާތް ކުރިން ފަށަން ހަމަޖައްސާފަ އޮތީ މިއަދުއެވެ.

އެ ހަރަކާތަކީ ހުޅުމާލޭ ހިއްކި ސަރައްހައްދުން ނަގާފައިވާ މުރަކަތައް ވިލިމާލޭ ފަޅުގައްޔާއި ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި އިންދުމަށް ބާއްވާ ހަރަކާތެކެވެ.

ސޭވް ދަ ބީޗް މޯލްޑިވްސްގެ މެނޭޖަރު ހަސަން އަހުމަދު ވިދާޅުވީ، "އޭރިއާވައިސްކޮށް" ބަލާނަމަ 100 ނުވަތަ 200 މީޓަރުގެ ސަރަހައްދެއްގައި މުރަކަ އިންދާނެ ކަމަށާއި ފްރޭމެއްގައި މުރަކަ އިންދާނީ ކަނޑުއަޑީގެ ބަގީޗާއެއް ގޮތަށް ކަމަށެވެ.

އެ ޖަމިއްޔާއިން ކުރި ދިރާސާތަކުން އެނގޭ ގޮތުގައި މުރަކަ އާއި ބެހޭ ގޮތުން ލިބިފައި ހުރި މައުލޫމާތު ވަރަށް މަދު ކަމަށާއި، އެހެންކަމުން މުރަކަ އަދި ރާއްޖޭގެ ތިމާވެށްޓާ ގުޅޭ ތަފާތު މައުލޫމާތު ދީ ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް މި ހަރަކާތް ކުރިޔަށްދާއިރު އޮންނާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

އަދި ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ މެރިން ބައޮލޮޖިސްޓުން، ރިސޯޓްތަކުގައި ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ދީ މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރާނެ ކަމަށް ހަސަން ވިދާޅުވި އެވެ. އަދި މުރަކަ އިންދުމުގެ ހަރަކާތް ކުރިޔަށްދާއިރު ސްނޯކްލިން ފަދަ އިތުރު ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.