05 Jun 2015, 11:33
ކުޑަ ކުއްޖެއްގެ ލޮލުގެ އެތެރޭގައި މަހެއްހާ ދުވަސް ވަންދެން އުޅެމުންދިޔަ ފަންޏެއް ނަގައިފި އެވެ.
ޕެރޫގެ އުމުރުން 17 އަހަރުގެ އެ ފިރިހެން ކުއްޖާގެ ލޮލު ތެރޭގައި ފަންޏެއް އުޅެމުންދިޔަކަން އެނގިފައި ވަނީ، އޭނާގެ ވާތު ލޯމަތި ދުޅަވާތީ ޕެރޫގެ ވެރިރަށް ލީމާގައި ހުންނަ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ގޮސް ދެއްކުމުން ޑޮކްޓަރުން ހެދި އެމްއައިއާރު ސްކޭނަކުންނެވެ.
އެކުއްޖާގެ ލޮލުގައި އުޅެ ބޮޑުވަމުންދިޔަ، އެއް އިންޗި ދިގު އެ ފަނި ނަގާފައިވަނީ އެއްވެސް ސާޖަރީއަކާ ނުލައެވެ.

ކުޑަ ކުއްޖާގެ ލޮލުގައި އުޅެމުންދިޔަ ފަނި ނެރުމަށް ލޯ ކައިރީގައި ގަނދަކޯޅި ފަތް އަޅާފައި --- ފޮޓޯ/ ޑެއިލީމެއިލް
ޑޮކްޓަރުން އެ ފަނި ނެރެފައިވަނީ ގަނދަކޯޅި ފަތް ލޯ މަތީ އަޅައިގެން އޭގެ ވަސް އޭއްޗަށް ދުއްވައިގެންނެވެ. އެ ފަނީގެ ސަބަބުން އެކުއްޖާއަށް ދިގު މުއްދަތުގެ ގެއްލުމެއް ލިބިފައިނުވެއެވެ.
އޭނާ ބެލި ޑޮކްޓަރު ބުނާގޮތުން، އެކުއްޖާގެ ލޮލުގައި އެ ފަނި އުޅެމުންދިޔައީ މޫނުގެ އެންމެ ނުރައްކާތެރި ބައި ނުތަވަ "ޑޭންޖާ ޓްރިއަންގަލް އޮފް ދަ ފޭސް" އޭ ކިޔާ ބައިގައެވެ. އެ ސަރަހައްދުގައި އޮވެ އެ ފަނީގެ ސަބަބުން އިންފެކްޝަނެއް އުފެދުނު ނަމަ ސިކުނޑިއަށް އޭގެ އަސަރު ކުރާނެ ކަމަށް ވެސް ޑޮކްޓަރުން ބުންޏެވެ.
"ފަނި އުފެދި ބޮޑުވަމުންދިޔައީ ކުއްޖާގެ ވާތު ލޮލުގެ އެސްފިޔަތަކުގެ ތިރީގައި ކަމުން އެއީ ރިސްކު އިތުރުވި ކަމެއް. ސަބަބަކަށްވަނީ އެކުއްޖާގެ ލޯމަތި ދުޅަވަމުންދިޔައީ ސައިނަސަސްއާ ކައިރިން،" އެކުއްޖާގެ ލޮލުން ފަނި ނެގުމުގައި ހަރަކާތްތެރިވި ޑޮކްޓަރު ކެރޮލީން މާޗެނާ ވިދާޅުވި އެވެ.
މައުލޫމާތު: ނޫސް އެޖެންސީތައް