ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މިދިޔަ އަހަރުގެ ފައިދާގެ ތެރެއިން ހިއްސާއަކަށް ބަހަން ނިންމި 76 ރުފިޔާ މިމަހު 21 ވަނަ ދުވަހުން ފެށިގެން ދޫކުރަން ނިންމައިފި އެވެ.

އެސްޓީއޯއިން ބުނީ މިމަހުގެ 21 ވާ އާދިއްތަ ދުވަހުން ފެށިގެން، ހިއްސާއަކަށް ބަހަން ނިންމި 76 ރުފިޔާ ބަހަން ނިންމާފައިވާ ކަމަށާއި އެހެން ކަމުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން ފެށިގެން މެންދުރު 1:00 އަށް އެސްޓީއޯ ހެޑް އޮފީހުން އެ ފައިސާ ދޫކުރާނެ ކަމަށެވެ.

ހިއްސާގެ ފައިދާ، ބޭންކް އެކައުންޓަށް ޖަމާކުރުމަށް މިހާރު ރަޖިސްޓަރީކުރައްވާފައިވާ އެކައުންޓްތަކަށް މިމަހު 21 އިން ފެށިގެން މަސްދުވަހުގެ ތެރޭގައި ފައިދާ ޖަމާކޮށްދެވޭނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

ފާއިތުވި އަހަރު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 480 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ފާއިތުވި އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ވަނީ 9.1 ބިލިއަން ރުފިޔާ ލިބިފައެވެ. 2013 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެންކަމުން 2014 ވަނަ އަހަރު ލިބުނު އާމްދަނީ ގާތްގަނޑަކަށް ދެ ބިލިއަން މަދު ނަމަވެސް އެ ކުންފުނިން ވަނީ ސާފު ފައިދާ ތިން ގުނަ އިތުރުކޮށްފައެވެ.