04 Jun 2015, 23:27
އިންޑިޕެންޑެންސް ގޯލްޑަން ޖުބްލީ ގްލޯބަލް ވެޓެރަންސް ފުޓްބޯލް މުބާރާތުގެ ގުރޫޕް "އޭ"ގައި އިންޑޮނޭޝިއާ އަތުން 1-0 ގެ ނަތީޖާއަކުން ރާއްޖޭގެ ޓީމް ބަލިވެ ސެމީފައިނަލަށް ދިއުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗްގައި އިންޑޮނޭޝިއާ މެޗުން މޮޅުކޮށްދިން ލަނޑު ކާމިޔާބު ކުރީ، ދެވަނަ ހާފުގެ 21 ވަނަ މިނެޓްގައި ޑެޑީ ފްރެޑީ ޑެންގަހްއެވެ.
ފްރެޑީ މިލަނޑު ކާމިޔަބު ކުރީ އޭނާއަށް ލިބުނު ބޯޅަ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ބޭރުން ކުރިއަށް ފޮނުވާލައިގެންނެވެ.
މި މެޗްގައި ރާއްޖެއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އޭގެ ތެރެއިން ވެސް ރާއްޖޭގެ ފޯވަޑް ޝާހް އިސްމާޢީލް (ސާޔާ) އަށް ލިބުނު ފުރުސަތުތައް ފާހަގަކުރެވެއެވެ.
މިމެޗުން އެއްވަރު ކޮށްލައިގެން ރާއްޖެއަށް ސެމީފައިނަލަށް ދެވެން އޮތް ނަމަވެސް މިމެޗުން ބަލިވުމުން ސެމީފައިނަލަށް ދާނެތޯ ކަށަވަރު ވެގެންދާނި މިގުރޫޕްގައި މާދަމާ ސިންގަޕޫރާއި އިންޑޮނޭޝިއާ ކުޅޭ މެޗްގެ ނާތީޖާ ނިކުންނަ ގޮތުންނެވެ. މާދަމާ ގެ މެޗުން އިންޑޮނޭޝިއާ މޮޅުވެއްޖެނަމަ ނުވަތަ އެއްވަރު ވިޔަސް ރާއްޖެ ސެމީ ފައިނަލަށް ދާނެއެވެ.
މާދަމާ ހެނދުނު 8:30 ގައި ކުޅޭ މެޗްގައި ބައްދަލު ކުރާނީ ގުރޫޕް ބީ ގެ ބުރުނާއިއާ މެލޭޝިއާއެވެ.
ސިންގަޕޫރާ އިންޑޮނޭޝިއާ ބައްދަލު ކުރާ މެޗް އޮންނާނީ މާދަމާ 10:00 ގައެވެ.
އަދި މާދމާ ހަވީރާއި މާދަމާ ރޭ އޮންނާނީ ސެމީފައިނަލް މެޗްތަކެވެ.