04 Jun 2015, 23:01
މުޅި ރާއްޖެއަށް ވިއްސާރަ ކުރަމުންދާތީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންނާއި ސިފައިން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ ރާއްޖެއަކީ ކަނޑުދަތުރުފަތުރުތައް ގިނަ ގައުމަކަށްވާތީ މިފަދަ ވަގުތެއްގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ރައްޔިތުންގެ ފުރާނައާއި މުދަލުގެ ސަލާމަތަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި ވައިބާރުވެ، ކަނޑު ގަދަވެ، ރާޅު ބޮޑުވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް ނުރައްކާތެރި ހާލަތްތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަަމަށްވެސް ފުލުހުން ބުންޏެވެ.
"މިދުވަސްވަރު ކޮންމެހެން މަޖުބޫރުން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެނިހެން ދަތުރުތައް ކަނޑުމަގުން ނުކުރުމަށް އިލްތިމާސް ކުރަން. ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރައްވައި އެކަށީގެން ނުވާ މިންވަރަށް މުދަލާ ލަކުޑިއާ ސިމެންތިއާ ހިލަވެލިފަދަ ބަރުމުދާ އަރުވައިގެން ދަތުރު ކުރެއްވުމުގައި ރައްކާތެރިކަން އިސްކުރުމަށް ހަނދުމަފުޅުކޮށް އަރުވަން." ފުލުހުން ބުންޏެވެ.
ސިފައިން ބުނީ ކަނޑު ދަތުރުކުރާ ނަމަ މޫސުމާ ބެހޭ މައުލޫމާތު ހޯދައިގެން ދަތުރު ރޭވުމަށާއި ލައިފްޖެކެޓް ފަދަ ސަލާމަތީ ވަސީލަތްތައް ފަސޭހައިން އަތުޖެހޭ ފަށުގައި ބަހައްޓައިގެން ދަތުރުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. ހަމައެއާއެކު އުޅަނދުގައި ދިޔަހިއްކާނެ ޕަމްޕު ފަދަ ނިޒާމެއް ގާއިމްކުރުމަށާއި މުއާސަލާތީ އާލާތްތައް ރަނގަޅަށް ގާއިމް ކުރުމަށް ސިފައިން އިލްތިމާސްކުރެއެވެ.
ކަނޑު ދަތުރު ކުރާ ފަރާތްތަކުގެ އިތުރުން ފަޅުތެރޭގައި އާއި ފަޅުންބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ ވެރިންނާއި އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުކަން ދިނުމަށް ސިފައިން އިލްތިމާސް ކުރެއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައިވެސް މުޅި ރާއްޖެ އަށް ގުގުރިއާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، މެދު ރާއްޖެތެރެއަށް މިހާރު ވިލާގަނޑުގައި 30 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭތީ މިރޭ 12:00 އާއި ހަމައަށް ރީނދޫ އެލާޓް ނެރެފައިވާ ކަމަށެވެ. މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގާ ރެޔާ މިއަދުވެސް ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހިނގައި މީހުންނަށާ ތަކެއްޗަށް ބޮޑެތި ގެއްލުން ވަނީ ލިބިފައެވެ.