ވަތަނިއްޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމާ މިއަދު ހަވާލުވެވަޑައިގަތުމަށް ހަމަޖެހިފައިވާ އެމްއެންބީސީގެ ކުރީގެ މެނޭޖިން ޑައިރެކްޓާ އިބްރާހިމް ޚަލީލް، ޗުއްޓީއެއްގައި ހުންނެވުމުން އެ ވަޒީފާ އަށް ނުކުންނަވަން ޖެހިވަޑައިގަންނަވާ ތާރީޚު ފަސްކޮށްފި އެވެ.

ވަތަނިއްޔާ އިން ކުރިން ބުނެފައި ވަނީ، ޚަލީލު ވަޒީފާ އަށް ނުކުންނަވާނީ މިއަދުން ފެށިގެން ކަމަށެވެ.

ނަމަވެސް، ވަތަނިއްޔާގެ ހެޑް އޮފް މާކެޓިން އައިޝަތު ޒަމްރާ ވިދާޅުވީ، ޗުއްޓީއެއްގައި ހުންނެވުމުން ޚަލީލު މިއަދު ވަޒީފާ އަށް ނިކުމެވަޑައިނުގަންނަވާ ކަމަށެވެ. އަދި ޚަލީލު ވަޒީފާ އަށް ނުކުންނަވާނީ މި މަހުގެ މެދެއްހާ ހިސާބުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޚަލީލު ޗުއްޓީގައި ހުންނެވީ، އެމްއެންބީސީގައި ހުންނަވައިފައި ވަތަނިއްޔާ އަށް ބަދަލުވެވަޑައިގަތުމުގެ ކުރިން ނިންމަވަން ޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށް ވެސް ޒަމްރާ ވިދާޅުވި އެވެ. އަދި ވަޒީފާ އަށް ނުކުމެވަޑައިނުގެންނެވި ނަމަވެސް، މިއަދުން ފެށިގެން ވަތަނިއްޔާގެ އާ ސީއީއޯ އަކަށް ޚަލީލް ވަނީ ރަސްމީކޮށް އަންޔަންކުރައްވައިފައި ކަމަށް ވެސް އޭނާ މައުލޫމާތު ދެއްވި އެވެ.

ޚަލީލު ފޯނަށް ޖަވާބު ނުދެއްވާތީ، އެކަމާ ގުޅޭ ގޮތުން އޭނާގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ވަތަނިއްޔާގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމަށް އެމްއެންބީސީގެ މެނޭޖިން ޑިރެކްޓަރު ކަމުން ހަލީލް އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.