ޗައިނާ އިން ދެކުނު ޗައިނާ ކަނޑުގައި ރަށްތައް ހިއްކައި އަަސްކަރީ ގޮތުން ވަރުގަދަ ކުރާތީ ޖަޕާނާއި ފިލިޕީންސުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން މިލިޓަރީ ސާމާނު ޖަމާކޮށް ޓެކްނޮލެޖީ ވަރުގަދަ ކުރުމަށް ނިންމައިފި އެވެ.

ފިލިޕީންސްގެ ރައީސް އަކީނޯ އާއި ޖަޕާނުގެ ބޮޑު ވަޒީރު ޝިނިޒޯ އަބޭ މިއަދު ވަނީ ޓޯކިޔޯގައި ބައްދަލުކުރައްވައިފަ އެވެ. އަދި ދެ ބޭފުޅުން މަޝްވަރާ ކުރައްވައި ނިންމެވީ ދެ ގައުމުގެ މިލިޓަރީ ފަރާތްތަކުގެ މެދުގައި ގުޅިފައިވާ ތަމްރީނުތައް ބާއްވައި އަދިފިލިޕީންސުގެ ކޯސްޓްގާޑު އުޅަނދު ފަހަރު ބަނދެ ދިނުމަށެވެ.

ޗައިނާ އިން ދަނީ ދެކުނު ޗައިނާ ކަނޑަށް އަތްގަދަކޮށް، މަސްނޫއީ ރަށްތަކެއް އެ ސަރަހައްދުގައި ހިއްކަމުންނެވެ. ނަމަވެސް ފިލިޕީންސާއި އެ ސަރަހައްދުގެ ބައެއް ގައުމުތަކުން އަންނަނީ އެކަމާ ދެކޮޅުހަދަމުންނެވެ.

ޖަޕާނުން ވެސް އަންނަނީ ޗައިނާ އިން ހިއްކާ ރަށްތަކާ ދެކޮޅަށް މަސަކަތް ކުރާ ގައުމުތަކާ އެކު ބައިވެރިވަމުންނެވެ. އަދި މެލޭޝިޔާއާ އެކު ވަނީ އެއްބަސްވުންތަކެއް ގާއިމުކޮށްފަ އެވެ. އަދި ދެކުނު ޗައިނާ ކަނޑުގައި ފަލިޕީންސާ އެކު މިދިޔަ މަހު ވަނީ ނޭވަލް ތަމްރީނުތަކެއް ހަދައިފަ އެވެ.

ޗައިނާ އިން އެ މީހުންގެ އަމިއްލަ ތަނެއް ކަމަށް ދައުވާ ކުރާ ދެކުނު ޗައިނާ ކަނޑުގެ ޖަޒީރާ ސަރައްހަދަކީ ޖަޕާނުގެ ބޯޓު ފަހަރު ވިޔަފާރި ދަތުރުތައް ކުރާ މަގެކެވެ.

ޗައިނާ އިން ހިއްކާ ރަށްތައް --

އެ ސަރަހައްދުގެ މިލްކުވެރިކަމަށް، ފިލިޕީންސް، މެލޭޝިޔާ، ވިއެޓްނާމް، ޓައިވާން އަދި ބުރޫނާއީ އިން ދައުވާ ކުރެ އެވެ.

ޓޯކިޔޯއަކީ އެމެރިކާ އާއި އިނގިރޭސި ވިލާތާއި އަދި ފްރާންސުން ޒަމާނީ ހަތިޔާރު ލިބުމަށް އެއްބަސްވެފައިވާ ގައުމުކެވެ. އެފަދަ އެއްބަސްވުމެއް ފިލިޕީންސާ އެކު ވެސް ގާއިމު ކުރަން ޖެހޭނެ ކަމަށް ވާހަކަ ދެކެވެ އެވެ.
ފިލިޕީންސް ސަރުކާރުން ވަނީ އެ ގައުމަށް ބޭނުންވާ ސާވެޔަލަންސް އިކްވިޕްމަންޓްގެ ލިސްޓެއް ޖަޕާނަށް ދީފަ އެވެ. މައުލޫމާތު: ރޮއިޓާސް