04 Jun 2015, 21:48
މޫސުން ގޯސްވުމުގެ ސަބަބުން ހުޅުމާލެ އާއި ވިލިމާލެއަށް އެމްޓީސީސީގެ ފެރީ ދަތުރުތައް މެދުކަނޑަލައިފި އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް މިރޭ ސަން އަށް ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން އެދެ އަވަށަށް ކުރަމުން ދިޔަ ފެރީ ދަތުރުތައް މިރޭ 9:15 ގައި މެދުކަނޑާލާފައިވާ ކަމަށެވެ.
"ވަރަށް ކަނޑު ގަދަވެގެން މެދުކަނޑާލީ، މީޓުރޮލޮޖީ އިން ކަނޑު މަޑުވި ކަމަށް ބުނުމުން ފަށާނަން. އަޅުގަނޑުމެން މިބަލަނީ 10:15 އެހާކަންހާއިރު އަނބުރާ ދަތުރުތައް ފެށޭތޯ،" ހަލީމް ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަޔަކު ވަނީ އެދެ ޓާމިނަލްގައި ކިޔޫޖެހިފައެވެ.

އޭނާ ވިދާޅުވީ ފެރީތައް މެދުކަނޑާލި ނަމަވެސް، ހުޅުމާލެއަށް ދާން ބޭނުންވާ ފަރާތްތައް ހުޅުލެއަށް ގެންގޮސް ބަހުގައި ހުޅުމާލެ އަށް ގެންދަމުންދާ ކަމަށެވެ.
މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވީ މެދުރާއްޖެ ތެރެއަށް މިހާރު ވިލާގަނޑުގައި 30 މެއިލް އާއި 40 މެއިލްއާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭތީ މިރޭ 12:00 އާ ހަމައަށް ރީނދޫ އެލާޓް ނެރެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވަރަށް ކަނޑު ގަދަވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.