ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް އެމެންޑެޑް އެންޑް ރީސްޓޭޓަޑް ލީޒް އެގްރިމެންޓުގެ ދަށުން ވިލާ ގްރޫޕްގެ މާނެންފުށި ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ރ. މާނެންފުށީގެ އެގްރީމެންޓު ބާތިލްކުރި މައްސަލާގައި ވަގުތީ އަމުރަށް އަލުން އެދެފި ނަމަ އެކަމާ މެދު އަނެއްކާ ވެސް ގޮތެއް ނިންމުމަށް ހައިކޯޓުން ސިވިލް ކޯޓުގެ މައްޗަށް އަމުރުކޮށްފި އެވެ.

ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ މާނެންފުށި ޕްރައިވެޓް ލިމިޓެޑުން އަލުން ވަގުތީ އަމުރަކަށް އެދެފިނަމަ ހައިކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށް ވަގުތީ އަމުރާމެދު ސިވިލް ކޯޓުން އަލުން ގޮތެއް ނިންމަންޖެހޭނެ ކަމަށެވެ.

އެގްރިމެންޓްގެ ދަށުން ރަށް ތަރައްގީ ކުރުމަށް ދީފައިވާ މުއްދަތުވެސް އަދި ހަމަނުވާއިރު، އެރަށުގެ އުމްރާނީ ތަރައްގީފެށުމަށްޓަކައި ރަށުގެ ކުރެހުން ފަދަ ތަކެއްޗަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާކަން އެކުންފުނީގެ ފަރާތުން ހައިކޯޓުގައި ބުނެފައިވާ ކަމަށް އެ ހުކުމުގައި ވެއެވެ.

އެ މައްސަލައިގައި ވަގުތީ އަމުރެއް ނުނެރެފިނަމަ ދައުލަތަށްވުރެ ބޮޑަށް މާނެންފުށި ޕްރައިވެޓް ލިމިޓެޑަށް ގެއްލުން ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ހައިކޯޓުގެ ހުކުމްގައި ވަނީ އެކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިން ނިކުންނާނެ އާޚިރު ނަތީޖާއަކީ، ސެޓްލްމެންޓް އެގްރިމެންޓާއި އެމެންޑަޑް އެންޑް ރީސްޓޭޓަޑް ލީޒް އެގްރިމެންޓް ބާތިލުކުރުމުގެ ހައްގު ދައުލަތަށް އޮތްތޯ ނުވަތަ ނޫންތޯކަނޑައެޅުން ކަމަށެވެ.

އެދިފައިވާ ވަގުތީ އަމުރު ނެރެފިނަމަ އެކަމުގެ ނަތީޖާއަކަށްވާނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ގޮތެއް ކަނޑައަޅަންދެން ސެޓްލްމެންޓް އެގްރިމެންޓާއި އެމެންޑަޑް އެންޑް ރީ ސްޓޭޓަޑް ލީޒް އެގްރިމެންޓް ބާތިލްކޮށްފައިވާކަމަށް އަންގާފައިވާ އެންގުމަށް އަމަލުކުރުން ފަސްކުރެވިގެން ދިޔުން ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ވަގުތީ އަމުރު ނެރެފިނަމަ ދައުވާގެ މައުޟޫގައިވާ ކަންކަމަށް ކޯޓުން ގޮތެއް ކަނޑައެޅުނީ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި އޮތްނަމަވެސް، އެކަމަކީ މައްސަލައިގައި ހިމެނޭ މައުޟޫއީ ހައްގަށް ނުވަތަ ގާނޫނީ މަރުކަޒަށް ދާއިމީ ހިމާޔަތް ކުރިއާލާ ދެވުންކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް ނުފެންނަ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.