04 Jun 2015, 21:30
ވިޔަފާރިވެރިންގެ ޖަމިއްޔާއިން ކުރިއަށްގެންދާ ނައިޓް މާކެޓް މިމަހުގެ 13ގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފް މިއަދު ސަން އަށް ވިދާޅުވީ، މޫސުން ގޯސްވުމާއި "ތަފާތު ސަބަބުތަކާހުރެ" މިމަހު 8ގައި ކުރިން ނިންމާގޮތަށް އޮތް ނައިޓް މާކެޓް މިމަހު 13އަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
"ފަސް ދުވަސް މިއިތުރުކުރީ. ތަފާތު ސަބަބުތަކުގެ ސަބަބުން މުއްދަތު އިތުރު ކުރަން ޖެހުނީ،" އާސިފް ވިދާޅުވިއެވެ.
މިދިޔަ މަހު 25ން ފެށިގެން ނައިޓް މާކެޓް ކުރިއަށްދާއިރު އެ މުއްދަތުގެ ތެރޭގައި ގިނައިން ދިޔައީ ވަރަށް ވިއްސާރަ ދުވަސްދުވަހެވެ.
އާސިފް ވިދާޅުވީ، ވިއްސާރަ ނަމަވެސް ޖުމުލަކޮށް ވިޔަފާރި ވަރަށް ރަނގަޅު ކަމަށެވެ.
މިއަހަރުގެ މާކެޓްގައި ވެސް ބަދިގެއާއި ކުޑަކުދިންނަށް ބޭނުންވާ އެކި ކުޅޭ ސާމާނުގެ އިތުރުން އަންނައުނު ލިބޭ 500 މޭޒު އެބަހުއްޓެވެ.