ލޮނުޒިޔާރަތް ކޮޅު ސަރަހައްދު ބޮޑުތަކުރުފާނު މަގުގައި މިހާރު ކުރިއަށްދާ މަގުމަތީ ބާޒާރުގެ މުއްދަތު އިތުރުކޮށްފައި ވާތީ، އަންނަ ހަފުތާގެ ހުކުރު ދުވަހު ބާއްވަން ތައްޔާރު ވަމުން ދިޔަ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ފަސްކޮށްފި އެވެ.

ރޯޑް ރޭސް ފަސްކުރުމާ ގުޅޭ ގޮތުން ދިރާގުން މިރޭ ބެއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ދިރާގުގެ މެނޭޖަރ އެންޑް މާކެޓިން ކޮމިއުނިކޭޝަން މުޙައްމަދު މިރުޝާން ޙަސަން ވިދާޅުވީ، މަގުމަތީ ބާޒާރުގެ މުއްދަތު މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް އިތުރުކުރުމާ ގުޅިގެން އެސަރަހައްދު ރޯޑްރޭސް ބާއްވަން އޮތް ދުވަހަށް ހުސްވާން ނެތްކަމަށެވެ.

މިރުޝާން ވިދާޅުވީ، މި ރޭހަކީ އިންޓަނޭޝަނަލް ރޭހަކަށް ވުމުން ކުރިއަށް އޮތް ފަސް ދުވަސް ތެރޭގައި ރޭވިފައިވާ ގޮތަށް ބަދަލު ގެނެސް އިންޓަނޭޝަނަލީ ރިކޮގޮނައިޒް ކުރާނެ މުއްދަތު ނެތުމުން ކަމަށެވެ.

ދިރާގުން ބުނީ، އަލުން ރޭސް ބާއްވާނެ ދުވަހެއް އިއުލާން ކުރާނެ ކަމަށެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ނައިބު ރައީސް އިސްމާޢީލް އާސިފް ވިދާޅުވީ މުސުން ގޯސްވުމާއި އަދި އިތުރު ސަބަބުތަކާ ހެދި މަގުމަތީގ ބާޒާރުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.